ސްޓޭޑިއަމް ބިން ހުސްކުރަން އެންގުމުން ފަޒީލްގެ ކުންފުނިން ކޯޓަށް
ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު އިބްރާހީމް ފަޒީލް (އޮއްޕޮ) މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވާ ފިއުޗާ ހޯމްސް ކުންފުންޏަށް މާފަންނު ސްޓޭޑިއަމް ސަރަހައްދުން ދޫކޮށްފައިވާ ބިން ހުސްކުރަން އެފްއޭއެމުން އެންގި މައްސަލަ އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
މި މައްސަލައަކީ އެފްއޭއެމުން އެ ތަން ހުސްކުރަން ތަކުރާރުކޮށް އެދުމުން ވެސް އެ ކަން ކޮށްފައި ނުވާތީ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށް ހުށަހެޅި މައްސަލައެކެވެ.
ފިއުޗާ ހޯމްސް އާއި އެފްއޭއެމްގެ ކުރީގެ ލީޑާޝިޕާ ދެމެދު 2023 ވަނަ އަހަރު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، 2،700 އަކަފޫޓުގެ މި ބިން އެ ކުންފުންޏަށް ދޫކޮށްފައިވަނީ 25 އަހަރުގެ މުއްދަތަށެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން އެއްވެސް ކުއްޔެއް ދައްކާކަށް ނުޖެހެ އެވެ. އެ ބިމުގައި މިހާރު ވަނީ ދެ ބުރީގެ އިމާރާތެއް ބިނާކޮށްފަ އެވެ.
ފިއުޗާ ހޯމްސް އިން ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އެ ތަނުގައި އިމާރާތް ކުރީ އެފްއޭއެމާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަމަށެވެ. އެ ކުންފުނިން ބުނާ ގޮތުގައި އެ އިމާރާތަކީ ޓާފް ދަނޑުގެ ދެކުނު ފަރާތުގައި ހުރި ކުނިތައް ނަގައި ސާފުކުރުމަށާއި ޗޭންޖިން ރޫމެއްގެ ބޭނުމަށް ހެދި ތަނެކެވެ. އަދި ކުއްޔަކާ ނުލައި ބިން ދޫކުރީ އެ މަސައްކަތްތަކުގެ ބަދަލެއްގެ ގޮތުން ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
އެ ކުންފުނިން އިތުރަށް ބުނެފައިވަނީ އިމާރާތުގެ މަސައްކަތް ނިމެންދެން ތިރީ ފަންގިފިލާގައި ތިން މިލިއަން ރުފިޔާގެ މުދާ ބަހައްޓާފައިވާ ކަމަށާއި، ފުރަތަމަ ފަންގިފިލާގައި އިވެންޓް ހޯލެއް ހަދަން ނިންމީ ކުންފުންޏަށް މަންފާ ލިބޭނެ ގޮތަކަށް ކަމަށެވެ. ނަމަވެސް އެއްވެސް މަންފާއެއް ނުލިބެނީސް ތަން ހުސްކުރަން އެންގުމަކީ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށް އެ ކުންފުނިން ދެކެ އެވެ.
ފިއުޗާ ހޯމްސް އިން ސިވިލް ކޯޓުގައި އެދިފައިވަނީ އެފްއޭއެމުން އެއްބަސްވުމާ ހިލާފަށް އަމަލުކުރާ ކަމަށް ކަނޑައަޅައިދިނުމަށާއި، މަސައްކަތް ހުއްޓާލަން ޖެހުމުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އޮތް ކަމަށް ކަނޑައަޅައިދިނުމަށެވެ. މީގެ އިތުރުން، ކޯޓުން މައްސަލާގައި ގޮތެއް ނިމެންދެން އިމާރާތް ހުސްކުރުމުގެ އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރުކޮށް، ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް ވަނީ އެދިފަ އެވެ.






ރިއެކްޓް