މިދިޔަ އަހަރު 2000 އަށް ވުރެ ގިނަ މީހުން ކެންސަރުގެ ފަރުވާއަށް ބޭރަށް ފޮނުވި: ގީލާ
މިދިޔަ އަހަރު 2000 އަށް ވުރެ ގިނަ މީހުން ކެންސަރުގެ ފަރުވާއަށް ބޭރަށް ފޮނުވާފައިވާކަމަށް ހެލްތު މިނިސްޓްރ ގީލާ އަލީ މިއަދު ހާމަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ގީލާ ވިދާޅުވީ ފާއިތުވި ތިން އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއިން ބޭރަށް އެންމެ ގިނަ މީހުން ފޮނުވަނީ ކެންސަރު ބަލީގެ ފަރުވާތަކަށާއި ބަލީގެ ބާވަތުން ހަދަންޖެހޭ ކޮމްޕްލެކްސް ޓެސްޓުތައް ހެދުމަށެވެ.
އެގޮތުން 2023 ވަނަ އަހަރު 1,638 މީހަކު ކެންސަރުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާއިރު، 2024 ވަނަ އަހަރު އެ އަދަދު ވަނީ 1,996 އަށް އިތުރުވެފައެވެ. އަދި 2025 ވަނަ އަހަރު މި އަދަދު 2,000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ގީލާ ވިދާޅުވިއެވެ.
ކެންސަރު ބައްޔަށް ދެވޭ ކީމޯތެރަޕީގެ ފަރުވާ ރާއްޖޭގައި ފުޅާވަމުންދާކަން ހާމަކުރައްވައި، މިދިޔަ އަހަރު އެ ހިދުމަތް ހޯދުމަށް ރާއްޖެއިން ބޭރަށް ފޮނުވީ އެންމެ 39 މީހުން ކަމަށެވެ.
ކެންސަރުގެ ފަރުވާއަށް ބޭރަށް ފޮނުވާ މީހުންގެ ތެރޭގައި މުޅިން އަލަށް ފޮނުވުނު ފަރާތްތަކާއި، ބަލީގެ ބާވަތުން ތަކުރާރުކޮށް ފޮނުވަންޖެހުނު ފަރާތްތައް ހިމެނޭ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ. ނަމަވެސް ރާއްޖޭގައި ދެވޭ ހިދުމަތްތައް އިތުރުވަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ތިބެގެން 750 މީހަކު މެމޮގްރަފީގެ ހިދުމަތް ހޯދާފައިވާ ކަމަށެވެ.
"ކެންސަރު ބައްޔަށް ދެވޭ ކީމޯތެރަޕީގެ ޚިދުމަތަކީވެސް މިހާރު ރާއްޖޭގައި ތިބެގެން ހޯދާ ފަރުވާއެއް. މިގޮތުން 2025 ވަނައަހަރު ކީމޯތެރަޕީގެ ޚިދުމަތް ރާއްޖެއިން ބޭރުން ހޯދާފައިވަނީ އެއްމެ 39 މީހުން" މިނިސްޓަރު ގީލާ ވިދާޅުވިއެވެ. މިގޮތުން ހުޅުމާލެ ހޮސްޕިޓަލުން އެކަނިވެސް 2025 ވަނަ އަހަރު 655 މީހުން ކީމޯތެރަޕީގެ ހިދުމަތް ހޯދާފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ކެންސަރު ބަލީގެ ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގައި ކީމޯތެރަޕީއަށް ހާއްސަ 9 އެނދު މިހާރު ވަނީ ގާއިމްކޮށްފައެވެ. މިއީ ރާއްޖޭގައި ކެންސަރުގެ ފަރުވާ ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން އެޅިފައިވާ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.






ރިއެކްޓް