ލޯނު ނުނަގާނެ ކަމަށް ވައުދުވެ މިއަހަރު އެކަނި 80 މިލިއަން ޑޮލަރުގެ ލޯނު ނަގައިފި
ދައުލަތުގެ ދަރަނި ކުޑަކޮށް، އިތުރު ލޯނުތައް ނުނަގާނެ ކަމަށް ބުނެ ވެފައިވާ ވައުދުތަކާ ހިލާފަށް، މި އަހަރުގެ މިހާތަނަށް އެކަނި ވެސް ސަރުކާރުން ބޭރުގެ މާލީ އިދާރާތަކުން 80 މިލިއަން ޑޮލަރުގެ ލޯނު ނަގާފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.
މި ފައިސާއަކީ ތެޔޮ އިމްޕޯޓު ކުރުމަށާއި ރަށްރަށުގެ ބަނދަރު ހެދުމުގެ ނަމުގައި ނަގާފައިވާ ބޮޑެތި ލޯނުތަކެކެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ "އެކްޓިވް އެކްސްޓާނަލް ލޯންސް" ތާވަލުން ދައްކާ ގޮތުގައި، މި އަހަރުގެ ތެރޭގައި އޯޕެކް ފަންޑު ފޯ އިންޓަނޭޝަން ޑިވެލޮޕްމަންޓާއި ވާލްޑް ބޭންކުގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ވަނީ ލޯނު ނަގާފަ އެވެ. މީގެ ތެރެއިން ކޮންމެ އިދާރާއަކުން 40 މިލިއަން ޑޮލަރުގެ ލޯނު ވަނީ ނަގާފަ އެވެ.
އޯޕެކް ފަންޑުން ނެގި 40 މިލިއަން ޑޮލަރަކީ "މަލްޓި އައިލެންޑް ހާބާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"އަށް ހޯދި ފައިސާ ކަމަށްވާއިރު، އައިޑީއޭ އިން ނެގި 40 މިލިއަން ޑޮލަރަކީ "މޯލްޑިވްސް އެމާޖެންސީ ސަޕޯޓް ފޯ ކްރިޓިކަލް ސާވިސަސް ޕްރޮޖެކްޓް" ގެ ނަމުގައި ނަގާފައިވާ ލޯނެކެވެ. ވާލްޑް ބޭންކުން މި ލޯނު ދޫކޮށްފައި ވަނީ އިރާނު ހަނގުރާމައާ ގުޅިގެން ހަކަތައިގެ ބާޒާރަށް އައި ލޮޅުންތަކާ ގުޅިގެންނެވެ.
މި އަހަރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި 158.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކުރިން އަންދާޒާ ކުރި ނަމަވެސް، އަލަށް ނެގި މި ލޯނުތަކާއެކު ދަރަނި އިތުރަށް ބޮޑުވެގެންދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ދަރަނި އަދާކުރުމަށް އެންމެ ބޮޑު ހޭދައެއް ކުރަން ޖެހިފައިވާ ދަނޑިވަޅެއްގައި ނެގި ލޯނުތަކެއްކަން ފާހަނގަ ކޮށްލެވެއެވެ.
ސަރުކާރުން ބޭރުގެ ދަރަނި އިތުރުވާ މިންވަރު ކުޑަ ކަމަށް ދެއްކި ނަމަވެސް، އެތެރޭގެ ދަރަނި ނެގުން ވަނީ ކަންބޮޑުވާ މިންވަރަށް އިތުރުވެފަ އެވެ. މި އަހަރުގެ ބަޖެޓުން ދަރަނި އަދާކުރަން އެކަނި 12 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު، އާ ލޯނުތަކުގެ ސަބަބުން އިގްތިސާދީ ބުރަ އިތުރަށް ބޮޑުވެގެންދާނެ އެވެ.






ރިއެކްޓް