ޚަބަރު , ސިޔާސީ

ތައުލީމާއި ގުޅޭ 210 ޕްރޮޖެކްޓް ކުރިއަށް އެބަދޭ: މިނިސްޓަރު ޝަފީއު

7 ޖުލައި 2026 - 14:04
ތައުލީމާއި ގުޅޭ 210 ޕްރޮޖެކްޓް ކުރިއަށް އެބަދޭ: މިނިސްޓަރު ޝަފީއު

ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއެރުވުމަށްޓަކައި ޖުމުލަ 210 މަޝްރޫއެއް މިހާރުވެސް ކުރިއަށްދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޟަމީރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ، ސަރުކާރުން މިހާރު ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރޭގައި 1,200 އަށްވުރެ ގިނަ ކްލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ. މީގެ ތެރޭގައި މިހާރު ނިމިފައިވާ ކްލާސްރޫމްތައްވެސް ހިމެނޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ތަފްސީލު ދެއްވަމުން ވިދާޅުވީ، ސްކޫލްތަކުގެ ހޯލްތަކާއި، ފާޚާނާ ބަރިތަކާއި، ލައިބްރަރީތަކުގެ އިތުރުން އޮފީސް އިމާރާތްތައް ހިމެނޭހެން ޖުމުލަ 3,500 އަށްވުރެ ގިނަ ސްކޫލް ސަޕޯޓް އިންފްރާސްޓްރަކްޗަރ ފެސިލިޓީސް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މި މަޝްރޫއުތަކުގެ މާލީ ތަފްސީލަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، "މީގެ ޖުމުލައަށް 2.98 ބިލިއަން ރުފިޔާ، މިހާހިސާބަށް އަޅުގަނޑުމެންނަށް ގާތްގަނޑަކަށް ހައެއްކަ ސަތޭކަ މިލިއަނެއްހާ ރުފިޔާއަށް ގާއިމުކުރާ މިންވަރަކަށް ހޭދަކުރެވިފައިވަނީ،" ކަމަށެވެ.

މި މަޝްރޫއުތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސްކޫލްތަކުގެ ޖާގައިގެ ދަތިކަން ހައްލުކޮށް، ކިޔަވައިދިނުމަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކުރުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެއް ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0