ލޯންޗު އެކްސިޑެންޓުގައި އަނިޔާވެގެން ފަރުވާދިން ދެ މީހަކު ދޫކޮށްލައިފި
ކަނޑުމަތިން ލޯންޗަކާއި އެހެން އުޅަނދެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 5 މީހުންގެ ތެރެއިން 2 މީހުން ފަރުވާއަށްފަހު ދޫކޮށްލާފައިވާކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފިއެވެ.
މި ހާދިސާގައި އަނިޔާވި 5 މީހުންނަށް ފަރުވާ ދިނުމަށް ރޭގެ ވަގުތެއްގައި ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، ކަނޑުމަތީގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗެއް މާލެ، އިއްޒުއްދީން ފާލަމަށް ކައިރިކޮށްފައިވާ ކަމުގެ މައުލޫމާތު ރިޕޯޓްކޮށްފައިވަނީ ރޭ 21:16 އެހާކަންހާއިރުއެވެ. ފުލުހުން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި އެކްސިޑެންޓްގައި ހިމެނޭ އަނެއް އުޅަނދު ވަނީ އެކްސިޑެންޓަށްފަހު މަޑުނުކޮށް ގޮސްފައެވެ.
މި ހާދިސާގައި އަނިޔާވެގެން އައިޖީއެމްއެޗަށް ގެންދިޔަ 5 މީހުންގެ ތެރޭގައި ހިމެނެނީ 4 ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ. ހޮސްޕިޓަލުން މައުލޫމާތު ދެއްވި ގޮތުގައި، މީގެ ތެރެއިން 3 މީހަކަށް އިތުރު ފަރުވާ ދިނުމަށް ވޯޑުގައި އެޑްމިޓްކޮށްފައިވެއެވެ. އަދި އަނެއް 2 މީހުންނަށް އިމަރޖެންސީ ރޫމުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.
މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެކްސިޑެންޓްވުމަށްފަހު ފިލި އުޅަނދާ ބެހޭ އެއްވެސް ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.






ރިއެކްޓް