ވެށިފަހި މާލެ ޕްރޮގްރާމް އަލުން ފަށަން ނިންމައިފި
މާލޭގެ ތޮއްޖެހުން ކުޑަކުރުމަށާއި މާލެއަކީ ހިތްފަސޭހަ ސިޓީއަކަށް ހެދުމަށްޓަކައި މީގެ ކުރިން ކުރިއަށް ގެންދިޔަ "ވެށިފަހި މާލެ" ޕްރޮގްރާމް އަލުން ފެށުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މިކަން އިއުލާނުކޮށްފައިވަނީ މާލެ އަދި ވިލިމާލޭގެ ތަރައްގީއަށް ކުރިއަށް އޮތް ފަސް އަހަރަށް ރާވާފައިވާ ޕްލޭން ހިއްސާކުރަމުން ރޭ ބޭއްވި ރައްޔިތުންގެ އާންމު ބައްދަލުވުމުގައެވެ.
މާލޭ ސިޓީ ކައުންސިލުން އެކުލަވާލާފައިވާ ތަރައްގީގެ ޕްލޭން މައިގަނޑު ހަތް ބަޔަކަށް ބަހާލާފައިވާއިރު، އޭގެ ތެރެއިން އެއް ބަޔަކީ އެންމެން ހިއްސާވާ ފެހި އަދި ފަހި ސިޓީއަކަށް މާލެ ހެދުމުގެ އިސްތިރާޖެވެ. މި އިސްތިރާޖުގެ ދަށުން ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަކީ ކައުންސިލްގެ މުހިންމު އަމާޒެކެވެ.
ކައުންސިލުން އާއްމުކުރި ތަރައްގީގެ ޕްލޭންގައިވާ ގޮތުން، އެންމެންނަށް ފަސޭހައިން ބޭނުންކުރެވޭނެ ޕާކުތަކާއި މައިޒާންތައް ހުޅުވާލުމަށް ވަނީ ނިންމާފައެވެ. އަދި މާލޭގެ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން ކުދި ގޯޅިތައް ހުސްކުރުމަށްޓަކައި ވެށިފަހި މާލެ ޕްރޮގްރާމް އަލުން އެކުލަވާލައި ތަންފީޒުކުރަން ވަނީ ރާވާފައެވެ.
ވެށިފަހި މާލެ ޕްރޮގްރާމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފެށި މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން މާލެއިން ލިބިފައިވާ ކުދި ބިންތައް ދައުލަތަށް ދޫކޮށްލާ ފަރާތްތަކަށް ހުޅުމާލެއިން ބިމާއި ފްލެޓު ދޫކޮށްފައިވެއެވެ. މިގޮތަށް ދޫކޮށްލި ބައެއް ބިންތަކުގައި މާލޭގައި ޕާކިން ޒޯނުތައް ހަދާފައިވީ ނަމަވެސް، ވެރިކަން ބަދަލުވުމާއެކު އެ މަޝްރޫއު ވަނީ ހުއްޓިފައެވެ.
މީގެ އިތުރުން، މާލޭގެ ބޯހިޔާވަހިކަމުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި މިހާރު ބާވެފައިވާ ސިނަމާލެ އަދި މާލެ ހިޔާ ފްލެޓުތައް އަލުން ތަރައްގީކުރުން ވެސް ސިޓީ ކައުންސިލްގެ ފަސް އަހަރުގެ ޕްލޭންގައި ހިމަނާފައިވެއެވެ.






ރިއެކްޓް