މިހާ ފަސޭހައިން ޑޮލަރު ލިބުނު ޒަމާނެއް ދިވެހިން ނުދެކޭ: ފަލާހް
މިއަށްވުރެ ފަސޭހައިން ޑޮލަރު ލިބޭ ޒަމާނެއް މީގެ ކުރިން އައިސްފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހް މިހެން ވިދާޅުވީ "އެމްއެމްޓީވީ"ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.
އިދިކޮޅު އެމްޑީޕީން "ޑޮލަރެއް ނުލިބެއޭ" މި ނަމުގައި އެއްވުމެއް ބޭއްވުމަށް ނިންމާފައިވާތީ އެކަމަށް ފާޑުވިދާޅުވަމުން ފަލާހް ވިދާޅުވީ، އެފަދަ ނަމެއްގައި އެމްޑީޕީން ހަރަކާތެއް ހިންގުމަކީ ހަޑިކަމެއް ކަމަށެވެ.
ފަލާހް ވިދާޅުވި ގޮތުގައި މިހާރު ރާއްޖޭގެ ރައްޔިތުންނަށް ޑޮލަރު ލިބުމުގައި ބޮޑެތި ފަސޭހަތަކެއް ވަނީ ގާއިމްކުރެވިފައެވެ. އެގޮތުން އާސަންދަ އާއި އެންސްޕާގެ އެހީގައި ބޭރަށް ފުރާ ކޮންމެ މީހަކަށް ބޭންކް ރޭޓްގައި (15.42 ރުފިޔާ) 1000 ޑޮލަރު ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ މިންވަރަށް ބޭންކް ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށާއި، ހައްޖާއި އުމުރާއަށް ވަޑައިގަންނަވާ ބޭފުޅުންނަށް ވެސް އެ އަޅުކަން އަދާކުރުމަށް ފުދޭ މިންވަރަށް ރަސްމީ ރޭޓްގައި ޑޮލަރު ލިބެމުންދާ ކަމަށް ފަލާހް ވިދާޅުވިއެވެ.
ބޭންކް ކާޑުތަކުގެ ބޭނުން ހިފައިގެން ރާއްޖެއިން ބޭރުގައި ކުރާ މުއާމަލާތްތަކަށް އަލިއަޅުއްވާލައްވަމުން ފަލާހް ވިދާޅުވީ، "މިހާރު ބޭނުންކުރަމުންދާ ޑެބިޓް ކާޑާއި ކްރެޑިޓް ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގައި ދެތިން ހަތަރުހާސް ޑޮލަރު ބޭންކް ރޭޓްގައި ބޭނުންކުރެވޭނެ" ކަމަށެވެ.
އެހެންކަމުން އާންމު ރައްޔިތުންނަށް މިއަށްވުރެ ފަސޭހައިން ބޭންކް ރޭޓްގައި ޑޮލަރު ލިބުނު ޒަމާނެއް އަދި ނާންނަ ކަމަށް ވިދާޅުވެ އޭނާގެ ވާހަކަ ތަކުރާރުކުރެއްވިއެވެ.






ރިއެކްޓް