ޚަބަރު

ގޯއްޗާއި ފްލެޓު ހޯދައިދޭނެ ކަމަށް ބުނެ މިލިއަނުން ފައިސާ ނެގި މައްސަލައެއް ބަލަނީ

11 ޖުލައި 2026 - 17:01
ގޯއްޗާއި ފްލެޓު ހޯދައިދޭނެ ކަމަށް ބުނެ މިލިއަނުން ފައިސާ ނެގި މައްސަލައެއް ބަލަނީ
މިލިއަނުން ފައިސާ ހޯދި ކަމަށް ބެލެވޭ ފިޝަރީޒް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޔަސީން

އުސޫލުން ބޭރުން ފްލެޓާއި ގޯތި ހޯދައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން މިލިއަނުން ފައިސާ ހޯދި ކަމަށް ބެލެވޭ ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޔަސީންގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

މި މައްސަލަ ފެންމަތިވުމާ ގުޅިގެން އޭނާ މިހާރު ވަނީ މަގާމުން ވަކިކޮށްފައެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، "ފްލެޓާއި ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ، މަކަރާއި ހީލަތުން ބައެއްގެ އަތުން ފައިސާ އަތުލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުން" ކަމަށެވެ. މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމުން ތަހުގީގު ފެށި ނަމަވެސް، ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ރަސްމީކޮށް މި މައްސަލަ ހުށަހަޅާފައި ނުވާކަން ފާހަގަކުރެވެއެވެ.

ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، ޔަސީންގެ މައްސަލަ މީޑިއާގައި ފެންމަތިވުމުން އެކަން ބެލުމަށްފަހު އޭނާ މަގާމުން ވަކިކުރަން ނިންމީ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ސަރުކާރުގެ ސްކީމްތަކުން ފްލެޓާއި ގޯތި ޔަގީންކޮށްދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފިޝަރީޒް މިނިސްޓްރީގެ މުވައްޒަފުންނާއި، ފަނޑިޔާރުން އަދި ބައެއް އާންމުންގެ އަތުން ވެސް ޔަސީން ފައިސާ ހޯދާފައިވާކަމުގެ މައުލޫމާތު މި ނޫހަށް ވަނީ ލިބިފައެވެ.

ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައި ވާގޮތުގައި، ފްލެޓް ދޭނެ ކަމަށް ބުނެ މީހުން އަތުން ދެ ލައްކަ ރުފިޔާ އާއި ހަތަރު ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިސާ ނަގާފައިވެއެވެ. އަދި ބިން ދޭނެ ކަމަށް ބުނެ ބައެއް މީހުން އަތުން ތިން މިލިއަން ރުފިޔާ ހޯދާފައިވާކަން ވެސް ވަނީ ހާމަވެފައެވެ. މަސްދަރުތަކުން ބުނާ ގޮތުގައި އޮޅުވާލައިގެން އޭނާ ހޯދި ފައިސާގެ ޖުމްލަ އަދަދު 25 މިލިއަނަށް ވުރެ ގިނަ ވާނެ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މި މައްސަލާގައި އޮޅުވާލައިގެން ހޯދާފައިވަނީ ކިހާ ފައިސާއެއްކަމެއް އަދި މައްސަލައިގެ އިތުރު ތަފްސީލެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވަމުންދާއިރު، ރީލޯޑް ކުރުމުން ފެށިގެން ހައްޖަށް މީހުން ގެންގޮސްދިނުމުގެ ނަމުގައި ވެސް މިފަދަ ޖަރީމާތައް ހިންގަމުންދާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 1
މަޖާ މަޖާ 0