މަގުތަކުގެ ތޮއްޖެހުން ހައްލު ކުރުމަށް އޮފީހެއް އުފައްދައިފި
މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ބޮޑުވުމާ ގުޅިގެން، އެކަމަށް އަވަސް އަދި ދާއިމީ ހައްލެއް ހޯއްދެވުމަށްޓަކައި 'ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް' ގެ ނަމުގައި ހާއްސަ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު މިއަދު އުފައްދަވައިފިއެވެ.
މި އޮފީހަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން އުފެއްދެވި އިދާރާއެކެވެ. މި އޮފީސް ހިންގުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ދަށުންނެވެ.
މި އޮފީސް އުފެއްދެވުމުގެ މައިގަނޑު މަގްސަދަކީ މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ އަދަދު އިންތިހާއަށް އިތުރުވެ، ތޮއްޖެހުމުގެ މައްސަލަ ބޮޑުވެފައިވާތީ އެކަމަށް އަވަސް ހައްލެއް ހޯދުމެވެ. މިގޮތުން، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕްރޮގްރާމްތައް އެކުލަވާލައި ތަންފީޒުކުރުމާއި، ތޮއްޖެހުމުގެ މައްސަލައަށް ވަށައިޖެހޭ ހައްލެއް ހޯދުމަށް ސިޔާސަތުތައް އެކުލަވައިލުމުގައި ކަމާބެހޭ ފަރާތްތަކަށް ލަފާދިނުން މި އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން، މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކުރުމާއި، ޕާކު ކުރެވޭނެ ވަސީލަތްތަކާއި އެހެނިހެން ޒަމާނީ ހައްލުތައް ހޯދުމަށް މި އިދާރާއިން މަސައްކަތް ކުރާނެއެވެ. މިއީ މާލޭގެ މަގުތަކަކީ އަމާން އަދި ހިނގާބިނގާވެ އުޅުމަށް ފަސޭހަ ތަނަކަށް ހެދުމަށް ސަރުކާރުން ފެއްޓެވި މުހިންމު މަސައްކަތެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި، އަލަށް އުފެއްދެވި މި އޮފީސް ހިންގަމުންދާނީ ހާއްސަ ގަވަނިން ބޯޑެއްގެ ލަފާގެ ދަށުންނެވެ. މިއީ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ސަރުކާރުގެ އެކި އިދާރާތައް ގުޅިގެން ހިންގާނެ ހަރުދަނާ މަސައްކަތެއްގެ ފެށުމެއް ކަމަށް ބެލެވެއެވެ.






ރިއެކްޓް