ވިލިމާލެއަކީ ކޮންކްރީޓް ޖަންގައްޔަކަށް ވިޔަދީގެން ނުވާނެ :ރައީސް ނަޝީދު
ވިލިމާލެއަކީ އޭގެ ފެހިކަމާއި ގުދުރަތީ ސިފަތައް ހިމާޔަތްކުރެވިފައިވާ، ކޮންކްރީޓް ޖަންގައްޔަކަށް ނުވާ ރަށެއްގެ ގޮތުގައި ދަމަހައްޓަންޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ވިލިމާލޭގެ ފެހި ސަރަހައްދުތަކުގައި އުސް ޓަވަރުތަކެއް އެޅުމަށް ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވިލިމާލެ ބްރިޖުން މާލެއާއި ގުޅިފަޅު އަދި ތިލަފުއްޓާ ގުޅާލެވޭނެ ކަމަށާއި، ނަމަވެސް އުސް ކޮންކްރީޓް އިމާރާތްތައް އެޅުމަކީ ވިލިމާލެއަށް އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ. "ވިލިމާލެއަކީ ފެހިކަމާއި، ގުދުރަތީ ތޮބީއަތާއި ސިފަތައް ހިމާޔަތްކުރެވިފައިވާ، ކޮންކްރީޓް ޖަންގައްޔަކަށް ނުވާ ރަށެއްގެ ގޮތުގައި ދަމަހައްޓަން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެން،" ނަޝީދު ވިދާޅުވިއެވެ.
ވިލިމާލޭގެ ފުނަވަލު ސަރަހައްދުގައި 17 ފަންގިފިލާގެ ތިން ޓަވަރު އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "އެފޯޑަބަލް ހައުސިން" މަޝްރޫއުގެ ދަށުން އާރުސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މި މަޝްރޫއުގެ ދަށުން 300 ހައުސިން ޔުނިޓު ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ސަރަހައްދަކީ ގްރޭޓާ މާލެ ސަރަހައްދުގައި އޮތް ހަމައެކަނި ގުދުރަތީ ފެހި ސަރަހައްދު ކަމަށްވާތީ، ތިމާވެށީގެ އެކްޓިވިސްޓުންނާއި މަދަނީ ޖަމިއްޔާތަކުން ދަނީ މިކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އަދި މި މަޝްރޫއު ހުއްޓުވުމަށް ސުޕްރީމް ކޯޓަށް ވެސް ވަނީ މައްސަލައެއް ހުށަހަޅާފައެވެ.
އާންމުންގެ ޕްރެޝަރާ ގުޅިގެން، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ދާދިފަހުން ވިދާޅުވީ، ތިން ޓަވަރުގެ ތެރެއިން އެއް ޓަވަރު އަޅަން ކަނޑައެޅި ތަނުގައި ހުރި ބޮޑެތި ގަސްތައް ނަގަންޖެހޭތީ، އެ ޓަވަރު އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ޓަވަރު ބަދަލުކުރާނެ ވަކި ތަނެއް މިނިސްޓަރު ހާމައެއް ނުކުރައްވައެވެ.
ވިލިމާލޭގެ ތިމާވެށި ހިމާޔަތްކުރުމަށް ގޮވާލާ އަޑުތައް ގަދަވަމުންދާއިރު، މިއީ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން ކަރުދާހުގައި ފެށި ގިނަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ފާހަގަކުރެވެއެވެ.






ރިއެކްޓް