މިސަރުކާރުން ރަސްމީ ރިޒާވްގެ ހިސާބު ގަޑުބަޑު ކޮށްފި: އަމީރު
މި ސަރުކާރުން ރާއްޖޭގެ ރަސްމީ ރިޒާވްގެ ތަފާސްހިސާބުތައް އޮޅުވާލައި ގަޑުބަޑު ކޮށްފައިވާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ތުހުމަތު ކުރައްވައިފިއެވެ.
އަމީރު މިހެން ވިދާޅުވީ މިރޭ އާޓިފިޝަލް ބީޗުގައި އެމްޑީޕީން ކުރިއަށްގެންދާ "ޑޮލަރެއް ނެތް" ޕެނަލް ޑިސްކަޝަންގައި ދެއްވި ޕްރެޒެންޓޭޝަނެއްގައި ވާހަކަ ދައްކަވަމުންނެވެ.
އަމީރު ފާހަގަކުރެއްވި ގޮތުގައި 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖޭގެ އަސްލު ބޭނުންކުރެވޭ ރިޒާވް ނުވަތަ ނެޓް ރިޒާވް ހުސްވެ، ދަރަންޏަށް ވެއްޓުނެވެ. އެހެންނަމަވެސް، އިންޑިއާގެ ކަރަންސީ ސްވޮޕްގެ އެހީގައި ލިބުނު ބައެއް ފައިސާ ބޭންކުތަކުގައި ޖަމާކޮށް، ތަފާސްހިސާބުން ބޭނުންކުރެވޭ ރިޒާވް ޕޮޒިޓިވް ކަމަށް ދައްކަން ސަރުކާރުން މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ފުދިގެން ތިބިނަމަ އޮޅުވާލާކަށް ނުޖެހުނީސް. ރިޒާވް މިހާރުވެސް އެކުލެވިގެންވަނީ އިންޑިއާގެ ސްވޮޕް ފައިސާ ހިމަނައިގެން،" އަމީރު ވިދާޅުވިއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި މިއަހަރުގެ މެއި މަހުގެ ނިޔަލަށް ނެޓް ރިޒާވްގައި ހުރީ އެންމެ 156 މިލިއަން ޑޮލަރެވެ.
މީގެ އިތުރުން، ޑޮލަރު މާރުކުރުމުގެ އާ ގަވާއިދާ އެކުވެސް ބޭންކުތަކަށް ވަންނަ ޑޮލަރުގެ މިންވަރު އިތުރުވެފައި ނުވާކަން އަމީރު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ 2023 ވަނަ އަހަރު ރާއްޖޭގެ ބޭންކިންގ ނިޒާމަށް ވަންނަނީ ޓްރެވެލް ރިސީޓްސްގެ 52 އިންސައްތަ ކަމަށް އެމް.އެމް.އޭއިން ބުނެފައިވީ ނަމަވެސް، އާ ގަވާއިދާއެކު އެ އަދަދު އިތުރުވާނެ ކަމަށް ބުނި ބުނުމާ އެއްގޮތަށް ކަންކަން ނުވާ ކަމަށެވެ.
އަމީރުގެ ވާހަކައިގައި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ވިދާޅުވީ، ކުރިން އޮތީ މާކެޓް ފެއިލިއަރއެއް ކަމަށާއި، ނަމަވެސް މިހާރު ފެންނަނީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ބްލެކް މާކެޓް އިތުރަށް ގޯސްވެގެންދާ ތަން ކަމަށެވެ. އަދި ބޭންކުތަކަށް ޖަމާކުރާ ޑޮލަރު ޑިޕޮސިޓްސް ކުރިއާ ގާތްކުރާ މިންވަރަކަށްވެސް އިތުރުވެފައި ނުވާ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.






ރިއެކްޓް