އަނގަ ބަންދު އަމުރު އެމްޖޭއޭއަށް އިސްތިއުނާފްކުރެވޭނެ: ހައި ކޯޓު
'އަދަދު' ނޫހުން ތައްޔާރުކުރި ޑޮކިއުމަންޓްރީގެ ވާހަކަ ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އަށް އިސްތިއުނާފް ކުރެވޭނެ ކަމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފި އެވެ.
މި މައްސަލަ އެންމެ ފުރަތަމަ އެމްޖޭއޭ އިން އިސްތިއުނާފަށް ހުށަހެޅުމުން ހައި ކޯޓުގެ ރަޖިސްޓްރާ ނިންމަވާފައިވަނީ އެ ޖަމިއްޔާއަކީ މައްސަލައިގެ ހަސްމަކަށް ނުވާތީ، އަމުރު އިސްތިއުނާފް ކުރުމުގެ ހައްގު އެމްޖޭއޭއަށް ނެތް ކަމަށެވެ.
ނަމަވެސް އެ ނިންމުން މުރާޖާކުރުމަށް ފަހު ފަނޑިޔާރުންގެ މަޖިލީހުން ނިންމީ ރަޖިސްޓްރާގެ ނިންމުން ރަނގަޅު ނޫން ކަމަށެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ ނިންމުމުގައި ފާހަގަކޮށްފައިވަނީ ކްރިމިނަލް ކޯޓުން ނެރުނު 'ގެގް އޯޑަރު' ނުވަތަ އަނގަ ބަންދުކުރުމުގެ އަމުރަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ނެރުނު އަމުރެއް ނޫން ކަމަށެވެ. އަދި އެއީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، ދެ ފަރާތަށް ބަހުސްކުރުމުގެ ފުރުސަތު ދީގެން ނެރެފައިވާ އަމުރެއް ނޫން ކަމަށްވެސް ފަނޑިޔާރުން ވިދާޅުވި އެވެ.
މީގެ އިތުރުން، ކްރިމިނަލް ކޯޓުގެ އަމުރުގައި އެއްވެސް ފަރާތަކުން އެ ވާހަކަތައް ދައްކައިގެން ނުވާނެ ކަމަށް އޮތުމުން، އެ އަމުރުގެ ސަބަބުން ނޫސްވެރިންގެ ހައްގުތަކަށް އަސަރުކުރާނެތީ، އެމްޖޭއޭގެ މަސްލަހަތު މި މައްސަލާގައި އޮތް ކަމަށް ހައި ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.
މި އަމުރު ނެރެފައިވަނީ 'އަދަދު' ނޫހުގެ ސީއީއޯ ފިޔާޒު އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުކުރުމުގެ ދައުވާ އުފުލުމަށްފަހު ޕީޖީ އޮފީހުން އެދިގެންނެވެ. މި އަމުރާ ހިލާފުވި ކަމަށް ބުނެ އެ ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނާސިރު މީގެ ކުރިން ވަނީ ޖަލަށް ލާފަ އެވެ. އެ ދެ ނޫސްވެރިން މިހާރު ވަނީ ހުކުމް ތަންފީޒުކޮށް ނިމުމުން މިނިވަންވެފަ އެވެ.
މި މައްސަލާގައި 'އަދަދު' ނޫހުގެ އިސްވެރިންގެ އިތުރުން، ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއް ކަމަށްވާ އީޝާ އަޝްރަފްގެ މައްޗަށް ވެސް ފުލުހުން ވަނީ ތުހުމަތުތަކެއް ކޮށްފަ އެވެ. މި ތިން މީހުންގެ ޕާސްޕޯޓް ވެސް މިހާރު އޮތީ ހިފަހައްޓާފަ އެވެ.






ރިއެކްޓް