ޕީއެންސީ މާރާމާރި: އިތުރު މީހަކު ހައްޔަރުކޮށްފި
ވެރިކަން ކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓު ގުނުން ހުޅުމާލެ ފޭސް 2 ގައި ހުންނަ ކާމިލްދީދީ ސްކޫލުގައި ކުރިއަށް ދަނިކޮށް، އެތަނަށް ވަދެ މާރާމާރީ ހިންގި މައްސަލައިގައި އިތުރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް ޖުމުލަ ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މި މައްސަލައިގެ ތުހުމަތުގައި 2024 ޖުލައި 12 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މީގެ ކުރިން މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 23 އަހަރާއި 24 އަހަރުގެ ދެ ފިރިހެނުންނެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 9:15 ހާއިރުއެވެ. ފުލުހުން ވިދާޅުވި ގޮތުގައި ބަޔަކު ސްކޫލަށް ވަދެ، އެތަނުގެ މުދަލަށް ގެއްލުންދީ، އެތަނުގައި ތިބި މީހުންނާ މެދު މާރާމާރީ ހިންގާފައިވެއެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ގްރޫޕުން ވަނީ އެތަނުގައި ތިބި މީހުންނަށް ހަމަލާދީ، ގޮނޑި ފަދަ ތަކެތި އުކާ ހަދާފައެވެ.
ޕީއެންސީން ބުނެފައިވާ ގޮތުގައި، ހޮނިހިރު ދުވަހު ބޭއްވި މި އިންތިހާބަކީ އެކި މަގާމުތަކަށް 2,500 އަށް ވުރެ ގިނަ މީހުން އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބެކެވެ. މީގެ ތެރޭގައި ދާއިރާތަކުގެ ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންނާއި ނައިބު ރައީސުން ހިމެނެއެވެ.
މި އިންތިހާބަކީ އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ ކޮންގްރެސްގެ ކުރިން ބޭއްވި އިންތިހާބެކެވެ. ފުލުހުން ދަނީ މި މާރާމާރީގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.






ރިއެކްޓް