ޕީއެންސީ މާރާމާރީ: ހައްޔަރުކުރި ތިން މީހަކު 15 ދުވަހަށް ބަންދުކޮށްފި
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓު ގުނުން ކުރިއަށް ދަނިކޮށް ހުޅުމާލޭ ކާމިލްދީދީ ސްކޫލަށް ވަދެ މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ދީފިއެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ، މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެ އެންމެން ވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ މީހަކާއި 24 އަހަރުގެ ދެ މީހުންނެވެ. މި ތިން މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ. މީގެ ތެރެއިން ފަހުން ހައްޔަރުކުރި މީހާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި މި ހާދިސާގައި، ބަޔަކު ސްކޫލަށް ވަދެ އެތަނުގެ މުދަލަށް ގެއްލުންދީ، އެތަނުގައި ތިބި މީހުންނަށް ހަމަލާދީފައިވެއެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މާރާމާރީ ހިންގި މީހުން ވަނީ އެތަނުގައި ހުރި ގޮނޑި ފަދަ ތަކެތި ވެސް އުކާފައެވެ.
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓު ގުނުމުގެ ތެރެއިން ހިނގި މި ހާދިސާ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މި އިންތިހާބަކީ އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އެ ޕާޓީގެ ކޮންގްރެސްގެ ކުރިން ބޭއްވި މުހިންމު އިންތިހާބެކެވެ.






ރިއެކްޓް