ޑުރަގުގެ ހިދުމަތް ދޭތީ މަރަދޫ ބޯޅަދަނޑުގެ ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފި
އައްޑޫ ސިޓީ މަރަދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، އެ ރަށު "ބޯޅަދަނޑުގެ" ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަންދުކޮށްފިއެވެ. މި ތަން ބަންދުކުރުމަށް އަމުރު ނެރެފައިވަނީ މަރަދޫ މެޖިސްޓްރޭޓް ކޯޓުންނެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރުގެ މުއްދަތަކީ 2026 ޖުލައި 12 ވަނަ ދުވަހުން ފެށިގެން 90 ދުވަހެވެ. މިއީ މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރުމަށް މަރަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ފުރަތަމަ އަމުރުކަން ފާހަގަކުރެވެއެވެ.
ކޯޓު އަމުރުގެ ދަށުން ބަންދުކޮށްފައިވާ މިފަދަ ތަންތަނަށް، އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ގާނޫނީ ކުށެކެވެ. ފުލުހުން ވިދާޅުވީ މިފަދަ ތަންތަނަށް ހުއްދަނެތި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
އައްޑޫ ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ލިބިދޭ ބާރުގެ ދަށުން މިފަދަ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެފަދަ ތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާ އިތުރު ތަންތަން ހޯދައި، ގާނޫނީ އިމުގެ ތެރެއިން އެފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.






ރިއެކްޓް