ޚަބަރު , ސިޔާސީ

މި ސަރުކާރުން އެމްއެމްއޭ މެދުވެރިކޮށް 3.8 ބިލިއަން ރުފިޔާ ޕްރިންޓް ކޮށްފި: އަމީރު

13 ޖުލައި 2026 - 09:20
މި ސަރުކާރުން އެމްއެމްއޭ މެދުވެރިކޮށް 3.8 ބިލިއަން ރުފިޔާ ޕްރިންޓް ކޮށްފި: އަމީރު

މި ސަރުކާރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް 3.8 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވީ އާޓިފިޝަލް ބީޗުގައި އެމްޑީޕީން މިރޭ ބޭއްވި "ޑޮލަރެއް ނެތް" ޕެނަލް ޑިސްކަޝަންގައި ދެއްވި ޕްރެޒެންޓޭޝަނެއްގައި ވާހަކަ ދައްކަވަމުންނެވެ. 

އަމީރު ވިދާޅުވީ، އެމްއެމްއޭގެ ވާހަކަތަކުގައި ކޮންޓްރެކްޝަނަރީ ޕޮލިސީއެއް ގެންގުޅޭ ކަމަށް ބުނި ނަމަވެސް، އަމަލުން ފެންނަނީ އެކްސްޕޭންޝަނަރީ ޕޮލިސީއެއް ކަމަށެވެ. އަދި ފާއިތުވި 17 މަސްދުވަހުގެ ތެރޭގައި ބްރޯޑް މަނީ %32.5 އަށް މައްޗަށް ގޮސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަމީރުގެ ޕްރެޒެންޓޭޝަންގައިވާ ގޮތުން ބޭންކުތަކުގައި އެމްއެމްއޭއިން ބަހައްޓާފައިވާ ޕްލޭސްމަންޓްތައް މިހާރު ވަނީ 3.8 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މި ފައިސާއާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ، ބޭންކުތަކުގައި މި ފައިސާ އިންވެސްޓް ކުރަނީ ސަރުކާރުގެ ޓްރެޜަރީ ސެކިއުރިޓީޒްގައި އިންވެސްޓްކޮށް ސަރުކާރަށް ފައިސާ ދިނުމަށް ކަމަށެވެ. "އެމް.އެމް.އޭއިން ބޭންކުތަކުގައި އެމް.އެމް.އޭގެ ޕްލޭސްމަންޓް މިވަނީ ގާތްގަނޑަކަށް ތިނެއް. އަށެއް ބިލިއަން ރުފިޔާއެއް އަރާފައި. ބޭންކުތަކުން މި ފައިސާ މި އިންވެސްޓްކުރަނީ ސަރުކާރުގެ ޓްރެޜަރީ ސެކިއުރިޓީސްތައް. އެގޮތުން، ސަރުކާރަށް މި ފައިސާ އެބަލިބޭ،" އަމީރު ވިދާޅުވިއެވެ.

ސަރުކާރުގެ އިސް ބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ފައިސާ ޗާޕުނުކުރާ ކަމަށް ވިދާޅުވާ ވާހަކައަށް ރައްދު ދެއްވަމުން އަމީރު ވިދާޅުވީ އެއީ ދޮގެއްކަން އެމްއެމްއޭގެ ހިސާބުތަކުން ފެންނަން އެބައޮތް ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އެމްއެމްއޭއިން ބޭންކުތަކުގައި، ޚާއްޞަކޮށް ބޭންކް އޮފް މޯލްޑިވްސްގައި ފައިސާ ޑެޕޮސިޓްކޮށް، އެ ފައިސާ އަނެއްކާވެސް ސަރުކާރުގެ ސެކިއުރިޓީޒްތަކަށް އިންވެސްޓްކުރުމަކީ ކުއެންޓިޓޭޓިވް އީޒިންގެ ތެރެއިން ހިންގާ މަނީ ކްރިއޭޝަން ނުވަތަ ފައިސާ ޗާޕުކުރުމުގެ މަސައްކަތެކެވެ.

މީގެ އިތުރުން، އޯޕަން މާކެޓް އޮޕަރޭޝަންސް ފަށައި ބޭންކިންގ ނިޒާމުގެ އެކްސެސް ލިކުއިޑިޓީގެ ތެރެއިން 2.1 ބިލިއަން ރުފިޔާ މަދުކުރެވިފައިވާ ކަމަށް އިއުލާނުކުރި ނަމަވެސް، އެއަށްވުރެ ގިނައިން ބޭންކުތަކަށް އެމްއެމްއޭއިން ފައިސާ ދޫކޮށްފައިވާ ކަމަށް އަމީރު ފާހަގަކުރެއްވިއެވެ. އަމީރު ވިދާޅުވީ ސަރުކާރުން ފައިސާ ޗާޕުނުކުރާ ކަމަށް ވިދާޅުވި ނަމަވެސް، ހިސާބުތަކުން ފެންނަނީ ސަރުކާރުން ފައިސާ ޗާޕުކުރަމުންދާ މަންޒަރު ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0