ޕީއެންސީ މާރާމާރި: ދެ މީހަކު ހައްޔަރުކޮށްފި
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބުގެ ވޯޓު ގުނުމުގެ ތެރޭގައި ހުޅުމާލެ ފޭސް 2 ގައި ހިންގި މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި މިރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 23 އަހަރާއި 24 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. ނަމަވެސް، ހައްޔަރުކުރި މީހުންގެ ވަނަވަރާއި އިތުރު ތަފްސީލެއް ފުލުހުން މިހާތަނަށް ހާމައެއް ނުކުރެއެވެ.
މި މާރާމާރީ ހިނގާފައި ވަނީ އިއްޔެ ހުޅުމާލެ ފޭސް 2 ގައި ހުންނަ ކާމިލް ދީދީ ސްކޫލްގައި ބެހެއްޓި ވޯޓު ފޮށިތަކުގެ ވޯޓު ގުނަމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ. އެ ސަރަހައްދުގައި ހިންގި ހަމަނުޖެހުންތަކުގައި ބަޔަކު ވަނީ ސްކޫލަށާއި ސްކޫލުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މީގެ އިތުރުން، އެތަނުގައި ތިބި މީހުންނަށާއި އަމަން ބަލަހައްޓަން ތިބި ފުލުހުންނަށް ވެސް ހަމަލާދީފައިވާ މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެނެއެވެ.
މި ހަމަނުޖެހުން ހިންގުމުގައި އެންމެ ބޮޑަށް ތުހުމަތު ކުރެވެނީ ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފްއާއި އޭނާގެ ދަރިފުޅުގެ މައްޗަށެވެ. އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ސްކޫލްގެ ތަކެއްޗަށް ގެއްލުންދޭ ސަރަހައްދުގައި މެމްބަރު ޝަރީފްގެ ދަރިފުޅު ހަރަކާތްތެރިވަމުން ދިޔައެވެ. ނަމަވެސް މިރޭ ހައްޔަރުކުރި މީހުންގެ ތެރޭގައި އޭނާ ހިމެނޭކަމެއް އަދި ކަށަވަރެއް ނުވެއެވެ.
މި އިންތިހާބުގައި ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީގެ އެތެރޭގެ ގޮނޑިތައް ކާމިޔާބުކޮށްފައި ވަނީ މެމްބަރު ޝަރީފްއާ ދެކޮޅަށް ވާދަކުރި ކެނޑިޑޭޓުންނެވެ. އޭގެ ތެރޭގައި އެ ދާއިރާގެ ޕީއެންސީގެ ނައިބް ރައީސްގެ މަޤާމަށް އިންތިހާބުވި ޕާޓީގެ އިސް އެކްޓިވިސްޓް މަލްޝާ ޝަރީފް ހިމެނެއެވެ. ހަމަނުޖެހުން ހިނގި ވަގުތު ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ އާއި ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވެސް އެ ސަރަހައްދަށް ވަޑައިގެންނެވިއެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުޤީޤް ކުރަމުން އަންނަ ކަމަށެވެ.






ރިއެކްޓް