"އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު، ކުންފުނީގެ ޤާނޫނުގެ ދަށުން "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް މިއަދު އުފައްދަވައިފިއެވެ.
މި ކުންފުނި އުފައްދަވާފައިވަނީ ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ.
މި ކުންފުނި އުފެއްދެވިކަން އިޢުލާންކުރައްވާފައިވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައިވާ، ނަންބަރު 12/2026 ގެ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުންނެވެ. މި ނިންމެވުމާއެކު އައްޑޫގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކަށް އާ ދިރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އުފެއްދެވުމުގެ މައިގަނޑު މަޤްޞަދަކީ، އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މޮޑެލަކަށް "އައްޑުއަތޮޅު ހަންކެޑެ" ތަރައްޤީކުރުމެވެ. މީގެ އިތުރުން އައްޑޫ އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކުރުމާއި، އެ ސިނާޢަތުން ލިބޭ މަންފާ މުޅި އަތޮޅަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަކީވެސް މި ކުންފުނީގެ މުހިންމު މަޤްޞަދެކެވެ.
މި މަޝްރޫޢުގެ ދަށުން ސަރުކާރުން ކަނޑައަޅާފައިވާ އިޤްތިޞާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި އައްޑޫ އަތޮޅުގެ ބައިވެރިވުން އިތުރުވެ، ސަރަޙައްދީ އިޤްތިޞާދު ވަރުގަދަވެގެންދާނެއެވެ.






ރިއެކްޓް