ޚަބަރު

ހިމަބިހި ބާރަށް ފެތުރެނީ: ޖުމްލަ ކޭސްތަކުގެ އަދަދު 144 އަށް

14 ޖުލައި 2026 - 13:02
ހިމަބިހި ބާރަށް ފެތުރެނީ: ޖުމްލަ ކޭސްތަކުގެ އަދަދު 144 އަށް

ނިމިދިޔަ ހަފްތާގައި އެކަނިވެސް މާލެ ސަރަހައްދުން ހިމަބިހި (މީސްލްސް) ގެ 23 ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

މިއާއެކު މި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އިދާރާއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ޖުމުލަ 144 މީހަކަށްހިމަބިހި ޖެހިގެން ރިޕޯޓްކޮށްފައިވެއެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭއިން ވަނީ ބައްޔަށް ޝައްކުކުރެވޭ ފަރާތްތަކުން އަމަލުކުރަންވީ މުހިންމު އިރުޝާދުތަކެއް ދީފައެވެ.

އެޗްޕީއޭއިން އެދިފައިވަނީ ބައްޔަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ، ޓެސްޓުގެ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށެވެ. އަދި ހުން އައިސް ގައިގައި ރަތް ބިހި ނެގުން ނުވަތަ ރޯގާގެ އަލާމާތްތައް ފެންނަނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް އެ އިދާރާއިން ވަނީ އިރުޝާދު ދީފައެވެ.

މީގެ އިތުރުން ހުން އައުމާއެކު ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި، މިފަދަ އަލާމާތްތައް ފެނިގެން ހޮސްޕިޓަލަށް އަންނައިރު އެހެން މީހުންނަށް ބަލި ފެތުރުނަ ނުދިނުމަށްޓަކައި މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.

ހިމަބިހީގެ ކޭސްއެއް ފެނިއްޖެނަމަ، އާއްމުކޮށް އަމަލުކުރާ އުސޫލުގެ މަތިން ބަލި ޖެހުނު ގޮތް ދެނެގަތުމަށް ކޭސް އިންވެސްޓިގޭޝަން ހެދުމާއި، ބަލިޖެހުނު މީހާއާ ދިމާވި މީހުން ދެނެގަތުމަށް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް އެޗްޕީއޭއިން މިހާރުވެސް ކުރިއަށްގެންދާ ކަމަށް އެ އެޖެންސީން ބުނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0