ޖޭއެސްސީއިން ބޭނުންއިރަކު އިސްފަނޑިޔާރުން ވަކިކުރެވޭނެ ގަވާއިދެއް ހަދައިފި
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބޭނުންވެއްޖެ ނަމަ، ވަކި ސަބަބެއް ބަޔާންކުރުމަކާ ނުލައި ކޯޓުތަކުގެ އިސްފަނޑިޔާރުން މަގާމުން ދުރުކުރެވޭ ގޮތަށް އާ ގަވާއިދެއް އެކުލަވާލައި މިއަދު އަމަލުކުރަން ފަށައިފިއެވެ.
ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަނުކުރުމާއި ދުރުކުރުމުގައި އަމަލުކުރާނެ ގޮތުގެ މި ގަވާއިދު މިއަދު މެންދުރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.
މި ގަވާއިދުގައި އިސްފަނޑިޔާރުން އައްޔަނުކުރުމުގައި އަމަލުކުރާނެ ގިނަ އިޖުރާއަތްތަކެއް ތަފްސީލުކޮށް ހިމަނާފައިވީ ނަމަވެސް، މަގާމުން ވަކިކުރުމުގެ ފުރިހަމަ އިހުތިޔާރު ދީފައިވަނީ ޖޭއެސްސީއަށެވެ. ގަވާއިދުގެ އަށްވަނަ މާއްދާގައި ބުނެފައިވަނީ، "ކޯޓުތަކަށް އައްޔަނުކުރާ އިސް ފަނޑިޔާރުން، ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެ މަގާމުން ދުރުކުރަން ޖެހޭ ކަމަށް، ޖުޑީޝަލް ސާވިސް ކޮމިޝަނަށް ފެނިއްޖެނަމަ، އެ މަގާމުން ފަނޑިޔާރަކު ދުރުކުރުމުގެ ބާރު، ޖުޑީޝަލް ސާވިސް ކޮމިޝަނަށް ލިބިގެންވެ،" މިފަދައިންނެވެ.
އިސްފަނޑިޔާރުން އައްޔަނުކުރުމުގައި ބަލާނެ މިންގަނޑުތަކުގެ ތެރޭގައި ގާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރާއި، މުޖުތަމައުގެ ކަންކަމުގައި ގެންގުޅޭ ނަޒަރިއްޔާތާއި، މުއާމަލާތް ކުރުމުގެ ހުނަރު ހިމެނެއެވެ. މީގެ އިތުރުން އަމިއްލަ ނަފްސަށް އޮތް އިތުބާރާއި، މަސައްކަތުގެ އަހުލާގާއި، ހިންގުމުގެ ހުނަރުގެ އިތުރުން މައްސަލަތައް ހައްލުކުރުމުގެ ވިސްނުން ހުރި މިންވަރަށްވެސް ރިއާޔަތްކުރާނެ ކަމަށް ގަވާއިދުގައިވެއެވެ.
މަގާމުތަކަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަލާއިރު، ސުޕީރިއާ ކޯޓެއްގެ އިސްފަނޑިޔާރުގެ މަގާމަށް ކުރިމަތިލެވޭނީ ހަމައެކަނި އެ ކޯޓެއްގައި މިހާރުވެސް މަސައްކަތް ކުރާ ފަނޑިޔާރުންނަށެވެ. އަދި ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓުގެ މަގާމަށް ކުރިމަތިލެވޭނީ އެ ދާއިރާއެއްގެ ކޯޓުތަކުގައި މަސައްކަތްކުރާ މެޖިސްޓްރޭޓުންނަށް ކަމަށްވެސް ކަނޑައަޅާފައިވެއެވެ.
ޖޭއެސްސީން މިފަދަ ބާރުތަކެއް ލިބިދޭ ގަވާއިދެއް އެކުލަވާލާފައި މިވަނީ، އެ ކޮމިޝަން އެކުލެވިގެންވާ ގޮތުން ސަރުކާރުގެ ކޮންޓްރޯލް އޮތް ކަމަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.






ރިއެކްޓް