ޚަބަރު , ސިޔާސީ

ދަރަނީގެ ވާހަކަ ދައްކަން ސައީދު ކުފޫ ހަމައެއްނުވޭ: އަމީރު

14 ޖުލައި 2026 - 14:25
ދަރަނީގެ ވާހަކަ ދައްކަން ސައީދު ކުފޫ ހަމައެއްނުވޭ: އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު: ފޮޓޯ: ވިރާސީ

ދައުލަތުގެ ދަރަނީގެ ވާހަކަ ދެއްކެވުމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ މިނިސްޓަރު މުހައްމަދު ސައީދު ކުފޫ ހަމަނުވާ ކަމަށް ވިދާޅުވެ، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އަމީރު މިފަދައިން ވިދާޅުވީ، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރާއްޖެ ދަރުވާލުމުގެ މޭސްތިރިއަކީ އަމީރު ކަމަށް މިނިސްޓަރު ސައީދު ތުހުމަތު ކުރެއްވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އަމީރު ވަނީ މި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ، ވެރިކަމަށް ތިން އަހަރު ވީއިރު ޑޮލަރެއްގެ އަގު 21 ރުފިޔާއަށް އުފުލިފައިވާ ކަމަށާއި، ބޭރުން ޑޮލަރު ހޯދޭނެ މަގެއް ނެތްއިރު ދައުލަތުގެ ހަޒާނާއިން ބޮޑެތި އިސްރާފުތަކެއް ކުރަމުންދާ ކަމަށެވެ. އަދި އިންވެސްޓަރުން ސަރުކާރާ ފެޔަށް ޖެހި، މާލީ އިދާރާތަކުގެ އިތުބާރު ގެއްލިފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އަމީރު އިތުރަށް ވިދާޅުވީ، "ބޭންކު އޮފް މޯލްޑިވްސް ފުނޑާލައި، ރައްޔިތުންގެ ފައިސާކޮޅުވެސް ސަރުކާރުން މިވަނީ ބޭނުންކޮށްފައި" ކަމަށެވެ. އެމްޑީޕީގެ ސަރުކާރުގައި ދަރަންޏަށް ފައިސާ ހޯދުނީ އިންވެސްޓަރުންގެ އިތުބާރު އޮތުމުން ކަމަށާއި، ނަމަވެސް މި ސަރުކާރަށް ތިން އަހަރު ވީއިރު ފައިސާ ދޭނެ ބަޔަކު ނުވި ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު 30 އިންސައްތަ އުފުލިފައިވަނީ ސަރުކާރުގެ ނާގާބިލްކަމުން ކަމަށް ސިފަކުރައްވަމުން އަމީރު ވިދާޅުވީ، މިނިސްޓަރު ސައީދު ވަނީ ރާއްޖޭގެ އިގްތިސާދު ފުނޑާލާފައި ކަމަށެވެ. އަދި ދަރަނި ދައްކާނެ ގޮތާއި ފައިސާ ހޯދާނެ ގޮތް ސަރުކާރަށް ނޭނގޭ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

"މާލީ އަދި އިގްތިސާދީ ސިޔާސަތު ހާލަތަށް ފެތޭ ގޮތަށް ހިންގަން މި ސަރުކާރަކަށް ނޭގޭނެ. ދަރަނީގެ ވާހަކަ ދައްކަން ސައީދު ކުފޫ ހަމައެއްނުވޭ،" އަމީރުގެ ޕޯސްޓް ނިންމާލަމުން ވިދާޅުވެފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 2
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0