ބޫޓުގައި މަސްތުވާތަކެތި ގެނައި މީހާ ބުނީ އެއީ އިންޑިއާގައި ހުއްދަ ފަތްޕިލާވެލީގެ ބާވަތެއް ކަމަށް
މިދިޔަ މޭ މަހުގެ ތެރޭގައި ބޫޓެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާ މީހަކު، އެއީ އޭނާގެ ގައުމުގައި ހުއްދަ ފަތްޕިލާވެލީގެ ބާވަތެއް ކަމަށް ބުނެފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ ސޫރަޖް ކަރުވާރުނަމަކަށް ކިޔާ މީހެކެވެ.
ސޫރަޖް ހައްޔަރުކުރީ އޭނާގެ ލަގެޖް ބަލައި ފާސްކުރިއިރު، އޭގެ ތެރެއިން ފެނުނު ދެ ޓެނިސް ބޫޓުގެ ތެރޭގައި މަސްތުވާތަކެތި ހުރުމުންނެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން، ސޫރަޖް ދިފާއުގައި ބުނެފައިވަނީ އޭނާ ގެނައި ޕެކެޓުތަކަކީ ހާބަލް ނުވަތަ ފަތްޕިލާވެލީގެ ބާވަތެއް ކަމަށެވެ. އަދި އެއީ އިންޑިއާގައި ހުއްދަ އެއްޗެއް ކަމަށާއި، އެއީ ރާއްޖޭގައި މަނާ އެއްޗެއްކަން އޭނާއަށް ނޭނގޭ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
މި މައްސަލާގައި އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބާވަތާއި ބަރުދަން ކޯޓު އަމުރުގައި ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، މިއީ މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގެ ގޮތުގައި އަމުރުގައި ވެސް ވަނީ ފާހަގަކޮށްފައެވެ.
ފަހަކަށް އައިސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންގެ ތެރޭގައި އިންޑިއާ މީހުން އިތުރުވަމުންދާތީ އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެ ގައުމުގެ ރައްޔިތުންނަށް ހާއްސަ އެޑްވައިޒަރީއެއްވެސް ނެރެފައެވެ.






ރިއެކްޓް