ސިޔާސީ , ޚަބަރު

މުއާޒު އަތުގައި މުއިއްޒު ކޮމްޕްރޮމައިޒް ވާވަރުގެ އެއްޗެހި އެބަހުރި: ރައީސް ޔާމީން

10 ޖުލައި 2026 - 17:14
މުއާޒު އަތުގައި މުއިއްޒު ކޮމްޕްރޮމައިޒް ވާވަރުގެ އެއްޗެހި އެބަހުރި: ރައީސް ޔާމީން

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު އަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮމްޕްރޮމައިޒް ވާވަރުގެ ގިނަ ކަންތައްތަކެއް ހުރި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ރޭ ބޭއްވި ޕީއެންއެފްގެ ޓައުންހޯލް ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައި ވަނިކޮށް ޑިސެމްބަރު 2024 ގައި މުއާޒް ފެނަކައިން އިސްތިއުފާ ދެއްވުމަށްފަހު، މިދިޔަ ހަފްތާގައި އޭނާ ވަނީ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފަ އެވެ.

"އަޅުގަނޑު ހަމަ މީގައި ލައްޗަށް ހަމަ ތާއީދު، މިކަން މިހެންވެގެން މި އުޅެނީ މީނާ އަތުގައި ހުރި މުޢިއްޒު ކޮމްޕްރޮމައިޒްވާވަރުގެ އެއްޗެހި އިނގޭތޯ،" ޔާމީން ވިދާޅުވި އެވެ. އަދި ކޮމްޕްރޮމައިޒްވާ ކަންތައްތަކުގެ ތެރޭގައި ބަރަހަނާ ފޮޓޯ ފަދަ ތަކެތި ވެސް ހިމެނިދާނެ ކަމަށް ޔާމީން ތުހުމަތު ކުރެއްވި އެވެ.

މުއާޒް ފެނަކައިން އިސްތިއުފާ ދެއްވިއިރު އޭނާގެ މައްޗަށް ނުއަގުގައި ކޭބަލްތަކެއް ގަތް މައްސަލަ ހިމެނޭހެން ކޮރަޕްޝަނުގެ ތުހުމަތުތައް އޮތެވެ. ނަމަވެސް މުއާޒް ވަނީ އެކަންކަމަށް އިންކާރު ކުރައްވާފަ އެވެ. އިސްތިއުފާ ދެއްވަމުން މުއާޒް ވިދާޅުވީ ކުންފުނީގެ އޮޕަރޭޝަން ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުގެންދެވޭ ހާލަތަކަށް ވެއްޓިފައިވާ ކަމަށާއި، އެކަން ރަނގަޅު ކުރެވޭނެ އަލިމަގެއް ފެންނަން ނެތް ކަމަށެވެ.

މީގެ އިތުރުން މުއާޒް އިސްތިއުފާ ދެއްވި ދުވަސްކޮޅު އޭނާ ތަހުގީގަށް ގެންދިޔުމަށް އެދިފައި ވާކަމަށާއި، ގެންގޮސްފިނަމަ މުއިއްޒާއި ބެހޭގޮތުން ދައްކަން ހުރި ވާހަކަ މަދު ނުވާނެ ކަމަށް  ބުނި ކަމަށް ނޫސްތަކުން ރިޕޯޓުކުރި ކަމަށާއި މިއީ މުއާޒު އަތުގައި މުއިއްޒު ކޮމްޕްރޮމައިޒް ވާވަރުގެ އެއްޗެހި ހުރިކަމުގެ ހެހި ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 3
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 2
މަޖާ މަޖާ 1