ބޭންކުތަކުން ބޭރުގެ މުއާމަލާތްތަށް ލިމިޓުކުރުން ސަރުކާރުން ދިފާއު ކޮށްފި
ރާއްޖޭގެ ބޭންކުތަކުން ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓުތަކަކީ މިހާރުގެ ހާލަތަށް ބަލާއިރު ކޮންމެހެން ބަހައްޓަންޖެހޭ މިންގަނޑުތަކެއް ކަމަށް ވިދާޅުވެ، ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) އެ ނިންމުންތައް ދިފާއު ކުރައްވައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ހާލަތު އެހާ ގޯސް ނޫން ކަމަށާއި، ނަމަވެސް ބޭންކުތަކުގައި ބަހައްޓަންޖެހޭ ރިޒާވް ވަކި މިންވަރަކަށްވުރެ ދަށްވުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި ބޭންކުތަކުން ޑޮލަރު ދޫކުރަމުންދަނީ އެ ބޭންކުތަކަށް ލިބޭ މިންވަރަކުން، އުސޫލުތަކުގެ ތެރެއިން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ބޭރުގެ މުއާމަލާތްތަކަށް އޮތް ޑިމާންޑު ބޮޑުވެފައިވާކަން ހާމަކުރައްވަމުން މުންދު ވިދާޅުވީ، 2023 ވަނަ އަހަރު ބީއެމްއެލްގެ ކަސްޓަމަރުން މަހެއްގެ މައްޗަށް އެވްރެޖްކޮށް 1.9 ލައްކަ މުއާމަލާތް ހިންގިއިރު، މިހާރު އެ އަދަދު 3 ލައްކައަށްވުރެ މައްޗަށް އަރާފައިވާ ކަމަށެވެ. އަދި މަހެއްގެ މައްޗަށް ކާޑުތަކުން ހޭދަކުރާ މިންވަރު 25 މިލިއަން ޑޮލަރުން 50 މިލިއަން ޑޮލަރަށް އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"އެ ބޭފުޅުން ބައިވަރު ޑޮލަރުތަކެއްގެ ތަނެއްގައި ބަހައްޓަވައިގެން އަޅުގަނޑުމެންނަށް ނުދީ އޭތި ހިފަހައްޓަނީކީ ނޫން. ފޮރިން ކަރަންސީ ހުރި މިންވަރަކުން އެ ބޭފުޅުން އެ ގެންދަވަނީ މާރުކުރައްވަމުން،" މުންދު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ރާއްޖެއަށް ޑޮލަރު ލިބޭ މިންވަރަކީ ސިކްލިކަލް ނުވަތަ ވަކި ދުވަސްވަރުތަކެއްގައި އިތުރުވާ އެއްޗަކަށް ވާއިރު، މީރާއަށް ލިބޭ ޓެކްސް ފައިސާއަކީ ވެސް އެގޮތަށް ލިބޭ އެއްޗެއް ކަމަށެވެ.
މީގެ އިތުރުން، މިހާރު ރާއްޖޭގައި ފުޅާވަމުންދާ ކްރިއޭޓަރ އިކޮނޮމީ އާއި އީ-ކޮމާސްގެ ސަބަބުން ސަބްސްކްރިޕްޝަންތަކަށާއި އެހެނިހެން ބޭނުންތަކަށް ޑޮލަރުގެ ބޭނުންޖެހޭ މިންވަރު އިންތިހާއަށް އިތުރުވެފައިވާ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.
މި ހުރިހާ ކަމެއްވެސް ކުރިއަށްދާނީ ބޭންކުތަކުގެ މާލީ މިންގަނޑުތައް ހިފެހެއްޓޭނެ ގޮތެއްގެ މަތިން ކަމަށް ވިދާޅުވެ މުންދު ވާހަކަފުޅު ނިންމަވާލެއްވިއެވެ.






ރިއެކްޓް