ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ނިންމުންތަކަށް އެލް.ޖީ.އޭއިން ހުރަސްއެޅުން އެމްޑީޕީން ކުށްވެރިކޮށްފި
ކުޅުދުއްފުށި ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުންތަކަށް ސަރުކާރާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އިން ނުފޫޒު ފޯރުވައި، އެ ނިންމުންތައް ބާތިލުކުރުމަށް މަޖުބޫރުކުރަމުންދާ ދިއުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ޤާނޫނު އަސާސީގެ 230 ވަނަ މާއްދާއާއި ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ކަށަވަރުކޮށްދީފައިވާ އަމިއްލަ އިޚްތިސާސަށް އަރައިގަތުން ކަމަށެވެ.
އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކައުންސިލްގެ ރަސްމީ ޖަލްސާއަކުން ފާސްކުރާ ނިންމުންތައް ބަދަލުކުރަން އެލް.ޖީ.އޭ މެދުވެރިކޮށް ސަރުކާރުން އަންގަމުންދަނީ ޤާނޫނުގެ ބާރު ކަނޑުވާލުމަށެވެ. ޚާއްޞަކޮށް، ކުޅުދުއްފުށި ސިޓީ ކައުންސިލުން 02 ޖުލައި 2026 ގައި ނިންމާފައިވާ ނިންމުމަށް އިޙްތިރާމްކުރުމުގެ ބަދަލުގައި، އެ ނިންމުން ބަދަލުކުރަން އެންގުމަކީ ކުޅުދުއްފުށީގެ ރައްޔިތުންނާއި މުޅި ހދ. އަތޮޅުގެ ޝުޢޫރުތަކަށް ސަރުކާރުން ބެލުމެއް ނެތްކަމުގެ ހެއްކެއް ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.
އެމްޑީޕީން ވަނީ ސަރުކާރަށާއި އެލް.ޖީ.އޭ އަށް ގޮވާލާފައެވެ. އެގޮތުން، ކުޅުދުއްފުށި ސިޓީ ކައުންސިލަށް ފޮނުވާފައިވާ ޣައިރުޤާނޫނީ އެންގުން ވަގުތުން އަނބުރާ ގެންދިއުމަށާއި، ލާމަރުކަޒީ ޤާނޫނުގެ ދަށުން އެލް.ޖީ.އޭ އަށް ލިބިދީފައިވާ ބާރުތައް ޤާނޫނުގެ ތަރަހައިގެ ތެރެއިން ބޭނުންކުރުމަށް ވަނީ ބާރުއަޅާފައެވެ. އަދި ސިޓީތަކާއި ރަށްރަށުގެ ތަރައްޤީއަށް ކައުންސިލްތަކުން ކުރާ މަސައްކަތްތަކަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓާލުމަށްވެސް ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން، ލާމަރުކަޒީ ނިޒާމު އެންމެ ފުރިހަމައަށް ހިންގޭނީ މުޅި އަތޮޅުގެ ރަށްތައް އެއްކޮށްލައިގެން ހިންގޭ ބާރުގަދަ އަތޮޅު ކައުންސިލެއް އޮވެގެން ކަމަށް އެމްޑީޕީން ޤަބޫލުކުރެއެވެ. އެހެންކަމުން، އަތޮޅު ކައުންސިލްގެ ދިފާއުގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން އިސްނަގައިގެން ކުރާ މަސައްކަތަށް އެ ޕާޓީން ވަނީ މަރުހަބާ ކިޔާފައެވެ.
ބަޔާން ނިންމާލަމުން އެމްޑީޕީން ވަނީ، ކުރިއަށް އޮތް ތަނުގައި އުފެދޭ އެ ޕާޓީގެ ސަރުކާރެއްގައި އަތޮޅު ކައުންސިލްތައް އަލުން އިޔާދަކޮށް، މިހާރުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ހުރަސްއެޅުމަށް ގެނެސްފައިވާ ބަދަލުތައް އިހު އޮތްގޮތަށް ބަދަލުކުރާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާފައެވެ.






ރިއެކްޓް