މި ސަރުކާރުން މަސައްކަތްތެރިން ދެކެނީ ހިފައި ގެންގުޅޭ މުދަލުގެ ގޮތުގައި: މަޓޭ
މިހާރުގެ ސަރުކާރުން މަސައްކަތްތެރިންނާ މެދު އަމަލުކުރަމުންދަނީ ހިފައި ގެންގުޅޭ މުދަލެއް ނުވަތަ 'ކޮމޯޑިޓީސް' ތަކެއްގެ ގޮތުގައި ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން މަދުކުރުމުގެ ނަމުގައި، ސިޔާސީގޮތުން އެތައް ބަޔަކު ވަޒީފާއިން ވަކިކުރަމުންދާކަން ފާހަގަކޮށް، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހެޅި ގަރާރަށް ވާހަކަ ދައްކަވަމުން މައުރޫފް ވަނީ ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދާ ދިއުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މައުރޫފް ވިދާޅުވީ މިއީ 21 ވަނަ ގަރުނު ކަމަށާއި، ނަމަވެސް ސަރުކާރުން ބޭނުންވީމާ ވަޒީފާ ދީފައި، ބޭނުންވީމާ ކަނޑާލައި، އަދި ސިޔާސީ ކަންކަމުގައި އުޅޭތީ އާއިލާތަކަށް ގުޅައި ބިރުދައްކަމުންދާ ކަމަށެވެ. "މިއީ ކޮން ޒަމާނެއްތޯ؟ ހިފައި ގެންގުޅޭ މުދަލުގައި ބޭނުންވީމާ ވަޒީފާ ދީފައި، ބޭނުންވީމާ ކަނޑައިލާފައި، އަނެއް ދުވަހު އަނެއްކާ ވަޒީފާ ދީފައި، އަނެއް ދުވަހު އަމަޔަށް ގުޅައިގެން ބިރުދައްކާ އެބަ،" މައުރޫފް ވިދާޅުވިއެވެ.
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ރަށްރަށުގައި ތިބި ކުންފުނިތަކުގެ މުވައްޒަފުން އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ޔޫނިއަންތައް ހެދުން ކަމަށް މައުރޫފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަސައްކަތްތެރިން އޯގަނައިޒްވެ، ސަރުކާރަށާއި ކުންފުނިތަކުގެ ވެރިންނަށް ފިޔަވަޅު ނޭޅޭ ވަރަށް ބާރުވެރިވާން ޖެހޭ ކަމަށެވެ.
މައުރޫފް އިތުރަށް ވިދާޅުވީ ގާނޫނުއަސާސީން ލިބިދީފައިވާ ހަޅުތާލުކުރުމުގެ ބާރު މަސައްކަތްތެރިންގެ އަތްމައްޗަށް ނަގަންޖެހޭ ކަމަށެވެ. "ހަޅުތާލުކުރުމުގެ ހައްގު މަސައްކަތްތެރިންގެ އަތްމައްޗަށް ނެގީމާ ކުންފުނިތައް އަޅުގަނޑުމެންނަށް ހުއްޓާލެވޭނެ. ފެނަކަ ހުއްޓާލެވޭނެ، ސްޓެލްކޯ ހުއްޓާލެވޭނެ، އެމްޕީއެލް ހުއްޓާލެވޭނެ. އޭރުން އެއްވެސް މަސައްކަތްތެރިއަކު ކަނޑާލާކަށް ނުކެރޭނެ،" އޭނާ ވިދާޅުވިއެވެ.
ކުންފުނިތަކުގެ ބާރު މަސައްކަތްތެރިންގެ އަތްމައްޗަށް ދިއުމުން، ކުންފުނިތަކުގެ ވެރިން ތިބެންޖެހޭނީ މަސައްކަތްތެރިންގެ ދަށުގައި ކަމަށާއި، އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ހައްގުތައް ކަށަވަރުކުރާ މަގުކަން މައުރޫފް ފާހަގަކުރެއްވިއެވެ.
ވާހަކަ ނިންމަވާލައްވަމުން މައުރޫފް ވިދާޅުވީ އެކަކު އަނެކަކުގެ ހައްގުގައި ނުނިކުމެއްޖެ ނަމަ، އެންމެންގެ ހައްގުތައް ގެއްލިގެންދާ މަންޒަރު ފެންނާނެ ކަމަށެވެ. އެހެންކަމުން ވަޒީފާ ގެއްލުން ހުއްޓުވުމަށްޓަކައި މިވަގުތަށް އޮތް އެންމެ މުހިންމު ހައްލަކީ ޔޫނިއަންތައް ހެދުން ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.






ރިއެކްޓް