ސިޔާސީ , ޚަބަރު

މަޖިލީހުން ނިންމައިފިނަމަ އިންތިހާބުތައް އެއްކުރާނަން: އީސީ

11 ޖުލައި 2026 - 12:53
މަޖިލީހުން ނިންމައިފިނަމަ އިންތިހާބުތައް އެއްކުރާނަން: އީސީ

އިލެކްޝަންސް ކޮމިޝަނަކީ ގާނޫނު ތަންފީޒުކުރާ އިދާރާއެއް ކަމަށާއި ރައްޔިތުންގެ މަޖިލީހުން އިންތިޚާބުތައް އެއްކޮށްލަން ނިންމައިފި ނަމަ އެކަން އެގޮތަށް ކުރައްވާނެ ކަމަށް އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝަކީލް ވިދާޅުވީ، ކައިރިކައިރީގައި އިންތިޚާބުތައް ބޭއްވުމަކީ ދައުލަތަށް ބޮޑު ޚަރަދެއް ހިނގާ ކަމެއް ކަމަށާއި، ގާނޫނު ހަދާ ފަރާތްތަކުން އެކަމަށް ބަދަލު ގެނެސްފި ނަމަ ކޮމިޝަނުން އެކަން ތަންފީޒުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މަޖުބޫރުވާނެ އެ ޤާނޫނުތަކާއި ޤާނޫނުއަސާސީ ތަންފީޛުކުރުން. އެހެންނަމަވެސް، ޤާނޫނު ހަދާ ފަރާތްތަކުން އެ ޤާނޫނުތަކަށް އެ އިޞްލާޙުތައް ގެނެސް، އިންތިޚާބުތައް އެއްކޮށް ބާއްވަން ނިންމަވައިފި ނަމަ، އަޅުގަނޑުމެން އޭގަ ހަމަ އެއްކޮށް ބާއްވާނީ،" ޝަކީލް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އިންތިޚާބުތައް އެއްކޮށްލުމުން ރައްޔިތުންގެ ފައިސާއިން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ސަލާމަތް ކުރެވޭނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމާއި ޝަކީލު ހަވާލުވެ އިންތިޚާބުތައް އެއްކޮށްލުމުގެ ވާހަކަ އަނެއްކާވެސް ދައްކަން ފަށާފައިވާއިރު، މިއަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ވަނީ އިންތިޚާބުތައް އެއްކޮށްލުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ބާއްވާފައެވެ. އޭރު ޝަކީލް ހުންނެވީ ޕީއެންސީގެ ރެޖިސްޓްރާގެ މަގާމުގައެވެ. އެ ވޯޓުގައި ޕީއެންސީން ވަކާލާތު ކުރީ އިންތިޚާބުތައް އެއްކޮށްލުމަށެވެ.

ނަމަވެސް، އެ ފެންނަ ނުފެންނަ ވޯޓުގައި ބައިވެރިވި ރައްޔިތުންގެ 70 އިންސައްތަ ނިންމީ މިހާރުވެސް އޮތް ގޮތަށް އިންތިޚާބުތައް ވަކިވަކިން ބޭއްވުމަށެވެ. ޕީއެންސީން ބޭނުންވި ގޮތަށް އިންތިޚާބުތައް އެއްކޮށްލަން ވޯޓު ދިނީ އެންމެ 30 އިންސައްތަ ރައްޔިތުންނެވެ. މިގޮތަށް ރައްޔިތުންގެ ސާފު ނިންމުމެއް އޮތް ކަމެއްގައި، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހަކުން އެކަން ބަދަލުކުރުމަކީ ޑިމޮކްރެޓިކް އުސޫލުތަކާ ޚިލާފު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

ނިންމާލަމުން ޝަކީލް ވިދާޅުވީ، "އިންތިޚާބުތައް އެއްކޮށް ބާއްވައިފި ނަމަ، ރައްޔިތުންގެ ފައިސާއިން ދައުލަތުން އިންތިޚާބުތަކަށް ކުރަންޖެހޭ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ރައްޔިތުންގެ އެހެން ބޭނުންތަކަށް ކުރުމަށް މަގުފަހިވެގެންދާނެ. އެހެންވީމާ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ޤާނޫނު ހަދާ ފަރާތްތަކުން މިކަންކަމާ ދޭތެރޭގައި ވިސްނާވަޑައިގަންނަވާނެ" ކަމަށެވެ. 

އެހެންކަމުން މިއީ އަނެއްކާވެސް ދެ އިންތިހާބު އެއްކޮލަން ސަރުކާރުން މަސައްކަތް ފަށާނެ ކަމުގެ ސިގުނަލެއް ގޮތުގައި ގިނަބަޔަކު ދަނީ ސިފަކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 3
ލޯބި ލޯބި 0
މަޖާ މަޖާ 0