ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އަމީޒާ އައްޔަނުކުރަން މަޖިލީހުން ރުހުންދީފި
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ގދ. ގައްދޫ ކޯޒީރައުންޑް، ފާތިމަތު އަމީޒާ އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ދެފަރާތާއި މަޖިލީހުގެ އިގްތިސާދީ ކޮމިޓީން އިންޓަވިއުކުރުމަށްފަހު މި ދެބޭފުޅުންގެ ނަން މަޖިލިސް ތަޅުމަށް ފޮނުވުމުން، ހާޒިރުވެތިއްބެވި މެންބަރުންގެ ފުރިހަމަ އަޣުލަބިއްޔަތުން ފާސްވީ އަމީޒާ މި މަޤާމަށް އައްޔަނުކުރުމަށެވެ.
ޓެކްސް ކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ފޮނުއްވި ދެނަމަކީ ފާތިމަތު އަމީޒާ އާއި ހއ. ތަކަންދޫ ސާދާގެ މުހައްމަދު ހަލީމް އަބްދުالله އެވެ.
ފާތިމަތު އަމީޒާ ގެންދަވަނީ މިހާރުވެސް މީރާގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ފުރުއްވަމުންނެވެ. އަމީޒާ އަކީ މީރާ އުފެދުނީއްސުރެ އެ އިދާރާގައި މަސައްކަތް ކުރައްވަމުންގެންދަވާ ފަރާތެކެވެ.
ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ ރިޕޯޓު އިއްވިގަޑީގައި ސަރުކާރުހިންގާ ޕާޓީ، ޕީއެންސީއާއި އިދިކޮޅު ޕާޓީ އެމްޑީޕީންވެސް ވަނީ އަމީޒާ އާއި ހަލީމުއަކީ މި މަޤާމަށް ޝަރުތު ހަމަވާ ޤާބިލު ދެބޭފުޅުންކަން ފާހަގަކުރައްވާފައެވެ.






ރިއެކްޓް