ޚަބަރު

ގަވާއިދާ ހިލާފަށް އުޅުނު 12،000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފި

16 ޖުލައި 2026 - 13:51
ގަވާއިދާ ހިލާފަށް އުޅުނު 12،000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފި

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 12،000 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް ޑީޕޯޓްކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

މިއީ ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ މަސައްކަތްތަކުގެ ދަށުން ކުރެވުނު މަސައްކަތެކެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އިމިގްރޭޝަނުން ބުނީ، މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަނެ، އެމީހުން ފޮނުވާލުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި މި މައްސަލައަށް ވަށައިޖެހޭ ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އިމިގްރޭޝަނުން ފާހަގަކުރިއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2023 ނޮވެމްބަރު 17 އިން ފެށިގެން މި އަހަރުގެ ޖޫން މަހުގެ 13 އިގެ ނިޔަލަށް ޖުމްލަ 12،552 ބިދޭސީން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ. މީގެ ތެރޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ މީހުންނާއި، ރާއްޖޭގައި ތިބުމަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަ ނޫން މީހުން ހިމެނެއެވެ.

އިމިގްރޭޝަނުގެ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، މިހާރު ރާއްޖޭގައި ސައްހަ ވޯކް ޕާމިޓާއެކު މަސައްކަތްކުރާ ބިދޭސީންގެ އަދަދަކީ 208,937 އެވެ. އަދި ބިދޭސީންގެ މައުލޫމާތު ބެލެހެއްޓުމަށް ކުރާ މަސައްކަތުގެ ދަށުން، 2 ލައްކައަށްވުރެ ގިނަ މީހުންގެ ބަޔޯމެޓްރިކް މައުލޫމާތާއި 10 އިނގިލީގެ ނިޝާން މިހާރު ވަނީ ނަގާފައެވެ.

މި މައްސަލަ ހައްލުކުރުމުގައި އާންމުންގެ އެހީތެރިކަން ހޯދުމަށް އިމިގްރޭޝަނުން ވަނީ "އިމިގްރޭޝަން ވޮޗް" ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއްވެސް އިފްތިތާހުކޮށްފައެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތު މި ޕްލެޓްފޯމް މެދުވެރިކޮށް ރިޕޯޓްކުރުމަށް އިމިގްރޭޝަނުން ވަނީ އާންމުންގެ ކިބައިން އިލްތިމާސްކޮށްފައެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ މި އޮޕަރޭޝަންތަކަކީ މޯލްޑިވްސް އިމިގްރޭޝަނާއި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ގުޅިގެން ކުރިއަށްގެންދާ މަސައްކަތްތަކެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0