ސިޔާސީ , ޚަބަރު

ތަފާތު ގޮތަކަށް ސޯބެ ކުރެއްވި ސުވާލަށް މިނިސްޓަރުގެ ތަފާތު ޖަވާބެއް

13 ޖުލައި 2026 - 11:46
ތަފާތު ގޮތަކަށް ސޯބެ ކުރެއްވި ސުވާލަށް މިނިސްޓަރުގެ ތަފާތު ޖަވާބެއް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސޯދިގު (ސޯބެ) އައްޑޫ ބަހުން ކުރެއްވި ސުވާލުތަކަށް، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ހުވަދޫ ބަހުން ޖަވާބުދެއްވައިފި އެވެ.

މިނިސްޓަރު މަޖިލީހަށް ހާޒިރުކުރީ މެމްބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބުދެއްވުމަށެވެ.

މެމްބަރު ސޯދިގު މަޖިލީހަށް އިންތިހާބުވެވަޑައިގަތް ފަހުން ޖަލްސާތަކުގައި މުޅިން ވެސް ވާހަކަ ދައްކަވަނީ އައްޑޫ ބަހުރުވައިންނެވެ. މީގެ ކުރިން ބައެއް މިނިސްޓަރުންނަށް އެ ބަހުރުވައިން ސުވާލު ކުރުމުން ސާފުނުވާތީ ޖަވާބު ދެއްވަން ދަތިވާކަމަށް ބުނެފައިވެއެވެ. ސޯދިގު ވިދާޅުވާ ގޮތުގައި އޭނާ އަންނަނީ މާލެ ބަހުރުވަ ދަސްކުރައްވަމުންނެވެ. 

މިއަދުގެ ޖަލްސާގައި ސޯދިގު ސުވާލުކުރެއްވީ ފެނަކައިގެ ފެން ޕްލާންޓަށް މައްސަލަ ޖެހި، ފެނުގެ ހިދުމަތަށް ބުރޫ އަރާތީ އާއި ހިތަދޫގައި ސަރުކާރުން އަޅާ ހައުސިން ޔުނިޓުގެ މަސައްކަތް ހުއްޓިފައިވާތީ އެވެ. އޭނާ އެދިވަޑައިގަތީ އެ މަސައްކަތް އަލުން ފަށައި، ޔުނިޓުތައް ހަވާލުކުރާނެ ތާރީހެއް އޮޅުންފިލުވުމަށެވެ.

ސޯދިގު އައްޑޫ ބަހުރުވައިން ސުވާލުކުރެއްވުމުން ގދ. ފިޔޯރީއަށް އުފަން މުއްތޮލިބު ވިދާޅުވީ "އައްޑޫ ބަހުން ވާހަކަދެއްކީމަ އަޅުގަނޑުު ޖަވާބު ދޭންވީ ހުވަދޫ ބަހުންތޯ؟ ހުވަދޫ ބަހުން އަޅުގަނޑު ކުރިއަށްގެންދާނަން،"ކަމަށެވެ. އެއަށްފަހު މިނިސްޓަރު ވަނީ ހުވަދޫ ބަހުރުވައިން ޖަވާބު ދެއްވަން ފައްޓަވާފަ އެވެ.

މިނިސްޓަރު މުއްތޮލިބު ވިދާޅުވީ ފެނުގެ ނިޒާމު ރަނގަޅުކުރުމަށްޓަކައި މި ސަރުކާރުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ފެން ހޮޅިތަކަށް މައްސަލަ ދިމާވީ ނިމިދިޔަ ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކަށް ސޯދިގު ހުންނެވިއިރު މަގު ހެދުމުގެ މަސައްކަތް ކުރިއަށްގެންދިޔަ ގޮތުން ކަމަށް މިނިސްޓަރު ތުހުމަތު ކުރެއްވި އެވެ.

މިކަމާ ގުޅޭގޮތުން މިނިސްޓަރު ހުވަދޫ ބަހުން ވިދާޅުވީ "ހީވެންނޫ މެމްބަރަސް ކޮންމިއަސް ވަރަކަން ޒިންމާ ނަގަން ޖެހެންނެއި ކަމެކެހެން މި ކަމާއްކޫ" (ހީވަނީ މެމްބަރު ވެސް ކޮންމެވެސް ވަރަކަށް ޒިންމާ ނަގަން ޖެހޭ ކަމެއްހެން މި ކަމަކީ) ކަމަށެވެ. ނަމަވެސް، ހައުސިން ޔުނިޓުތަކާ ގުޅޭގޮތުން ކުރެއްވި ސުވާލަށް އެ ވަގުތު މިނިސްޓަރު ޖަވާބެއް ނުދެއްވަ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 2
މަޖާ މަޖާ 0