ޕީއެންސީ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން ފަށައިފި
ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 09:00 ގައި ވަނީ ފަށާފައެވެ.
މި އިންތިޚާބުގެ ވޯޓުލުން މިއަދު ހަވީރު 04:00 އާ ހަމައަށް ކުރިއަށްދާނެއެވެ. ޕީއެންސީން މައުލޫމާތު ދޭ ގޮތުގައި 04:00 ޖަހާއިރު ވޯޓުކިއު ބަންދުކުރާނެއެވެ. މި އިންތިޚާބުގެ ވޯޓުލުން މާލެ ސަރަހައްދުގެ 5 ތަނެއްގައި ކުރިއަށްދާއިރު، ރަށްރަށުގައި ވޯޓުލުން ކުރިއަށްދަނީ އެ ރަށެއްގައި ކަނޑައެޅިފައިވާ ސަރަހައްދުތަކުގައެވެ.
މާލެ ސަރަހައްދުގައި ވޯޓުލުން ކުރިއަށްދާ މަރުކަޒުތަކަކީ އަމީނިއްޔާ ސްކޫލް (މާލެ، އައްޑޫ، ފުވައްމުލައް އަދި ތިނަދޫ ސިޓީގެ ދާއިރާތަކަށް)، އިސްކަންދަރު ސްކޫލް (ސިޓީތައް ފިޔަވައި އެހެން އަތޮޅުތަކުގެ ދާއިރާތަކަށް)، ކަމާލުދީދީ ޕްރީސްކޫލް (ހުޅުމާލެ އުތުރު ދާއިރާއަށް)، ރެހެންދި ސްކޫލް (ހުޅުމާލެ ދެކުނު ދާއިރާއަށް) އަދި މުހިއްޔުއްދީން ސްކޫލް (ވިލިމާލެ ދާއިރާއަށް) އެވެ.
މި އިންތިޚާބުގައި ޖުމްލަ 131 ރަށެއްގައި ވޯޓުލުން ކުރިއަށްދާއިރު، އެކި މަގާމުތަކަށް 2500 އެއްހާ ކެނޑިޑޭޓުން ވާދަކުރެއެވެ. އިންތިޚާބާ ގުޅޭ އިޖުރާއީ އުސޫލުތަކާއި ވޯޓުލާން ދާންޖެހޭ ތަނުގެ މައުލޫމާތު ޕީއެންސީގެ ވެބްސައިޓުން މިހާރު ފެންނަން ހުންނާނެ ކަމަށް އެ ޕާޓީން ބުނެއެވެ.
ޕީއެންސީގެ ހިންގާ ގަވާއިދުގައިވާ ގޮތުން، އެ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިވާ މެންބަރުންނަކީ އެ ދާއިރާތަކުގެ ރައީސުންނެވެ. އެހެންކަމުން، މި އިންތިޚާބުގައި ދާއިރާ ރައީސުން ހޮވުމަށް ވޯޓުލުން ކުރިއަށްދަނީ މަޖިލީހުގައި ޕީއެންސީގެ މެންބަރުން ނެތް ދާއިރާތަކުގައި އެކަންޏެވެ.






ރިއެކްޓް