ސިޔާސީ

އިލެކްޝަން ކޮމިޝަނުގެ ރައީސްކަމަށް "ޕީއެންސީ ޝަކީލް" އައްޔަންކުރަނީ

29 ޖޫން 2026 - 09:41
އިލެކްޝަން ކޮމިޝަނުގެ ރައީސްކަމަށް "ޕީއެންސީ ޝަކީލް" އައްޔަންކުރަނީ

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރެޖިސްޓްރާގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޝަކީލު އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމަށް އައްޔަން ކުރުމަށް ރައީސް މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ. 

ޝަކީލުގެ ނަން ދިރާސާ ކުރުމަށްޓަކައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފަ އެވެ.

މުހައްމަދު ޝަކީލަކީ ސިޔާސީ ގޮތުންނާއި އިދާރީ ގޮތުން ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ޕީއެންސީގެ ރަޖިސްޓްރާގެ މަގާމުގެ އިތުރުން، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އޭނާ ވަނީ ފުރުއްވާފަ އެވެ. މީގެ އިތުރުން ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ވެސް ޝަކީލު ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޝަކީލް އައްޔަން ކުރައްވާފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. ކޮމިޝަނުގެ ގޮނޑިއެއް ހުސްވީ އެ ކޮމިޝަނުގެ ކުރީގެ ރައީސް މުހައްމަދު ޒާހިދު މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ގާނޫނަށް ސަރުކާރުން ގެނައި ބަދަލާއެކު، ކޮމިޝަނުގެ ރައީސް ކަނޑައެޅުމުގެ ބާރު މިހާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ކުރިން އޮންނަ ގޮތުން ކޮމިޝަނުގެ ރައީސަކު ހޮވަނީ ކޮމިޝަނުގެ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. ނަމަވެސް އާ އިސްލާހުގެ ދަށުން އެ މަގާމަށް މީހަކު ނޮމިނޭޓު ކުރުމާއި އައްޔަން ކުރުމުގެ އިހުތިޔާރު ރައީސަށް ލިބިގެންވެ އެވެ.

ކުރީގެ ރައީސް މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވިއިރު، ސަރުކާރުގެ ފަރާތުން އޭނާއަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވަމުންދިޔަ ކަމަށް މައުލޫމާތު ލިބެ އެވެ. ޚާއްސަކޮށް އިދިކޮޅު ސިޔާސީ ޕާޓީތަކަށް ފިޔަވަޅު އެޅުމަށާއި، ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ސަރުކާރު ބަލިވުމާ ގުޅިގެން ޒާހިދަށް ފިއްތުންތައް ކުރިމަތިވި ކަމަށް ބެލެވެ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0