ސިޔާސީ

ފެކްޓް ޗެކް: ބޭސްފިހާރަތަކުން ބޭހެއް ނުލިބޭ!

2 ޖުލައި 2026 - 15:40
ފެކްޓް ޗެކް: ބޭސްފިހާރަތަކުން ބޭހެއް ނުލިބޭ!

"...ދިވެހި ރައްޔިތުންނެއް ނޫޅޭ މިއަދު ކަންބޮޑ ވެގެންނެއް، ބޭސް ބަރާބަރަށް އެބަ ލިބޭ މި ޤައުމުގައި އިއްޒަތްތެރި ރައީސް. ބޭސް ބަރާބަރަށް އެބަ ލިބޭ. ކާޑު ގެ ބާވަތްތައް ބަރާބަރަށް އެބަ ލިބޭ. ރަމަޟާން މަހެއް އައިއްސިއްޔާ
ތަކެތީގެ އަގު މައްޗަކަށް ނުދޭ. އެހެންވީމާ، ކޮން ކަމަކާ ހާސްވެގެން، ރައްޔިތުންނެއް ހާހެއް ނުވޭ. އެންމެން ހެޕީކޮށް
ތިބީ އިއްޒަތްތެރި ރައީސް...." މިއީ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ރައްޔިތުންގެ މަޖިލީހުގެ އަހަރުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާގައި ދެއްކެވި ވާހަކަފުޅުން ފާހަގަވި ތަންކޮޅެކެވެ.

ރައްޔިތުންގެ ވިންދާއި ޝުޢޫރު ރައްޔިތުންގެ މަޖިލީހުގައި އިއްވުމުގެ ހުރުމަތްތެރި ޒިންމާ ކޮނޑުގައި އަޅައިގެން ހުންނެވި މެންބަރަކު ރައްޔިތުންގެ އިހުސާސްތައް މަޖީލީހުގައި ހާމަކުރެއްވުމުން، މިއީ ހަމަ އަސްލުވެސް މިކަން އޮތް ގޮތްތޯ ބަލާލުމަކީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ޒިންމާއެއްކަމުގައި އިހުސާސުވިއެވެ.

ޝުޖާޢުގެ ވާހަކަފުޅުން އެންމެ ފުރަތަމަވެސް އަޅައިގަތީ އިތުރަަށް ނުބަލައި އެނގި ކަށަވަރުވާ ކަމެކެވެ. މިދިޔަ ރަމަޟާންމަހު ބާޒާރުގައި ތަކެތީގެ އަގު ހުރި ގޮތެވެ. އެއްވެސް އިތުރު ބެލުމެއް ނުބަލައި ބުނަން އިނގޭ އެއްޗަކީ މެންބަރު ޝުޖާޢު ރަމަޟާންމަހު ތަކެތީގެ އަގޭ ކިޔައިގެން ހެއްދެވީ އިތުރުފުޅެއް ކަމެވެ. ރާއްޖޭގެ ތަފާސްހިސާބުތަކާ ބެހޭ އިދާރާއިން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާލާއިރު ރަމަޟާންމަހު ކާބޯތަކެތީގެ އަގުތައް ވަނީ %7 އާއި %22 އާއިދެމެދު އުފުލިފައެވެ. މީގެ ތެރޭގައި ސަރުކާރުން އަގު ކޮންޓްރޯލް ކޮސްފައިވާ ބާވަތްތައް ނުހިމެނުނު ކަމުގައި ވިޔަސް ކޮންމެ ދުވަހަކު ބޭނުންކުރާ މިރުހާއި މޭވާގެ ބާވަތްތައް އަދި އެއްގަމުމަހާއި ކަމޑުމަހުގެ އަގު ރަމަޟާންމަހުގެ ތެރޭގައި އިންތިހާއަށް ބޮޑުވެގެން ދިޔަކަން ފާހަގަވެފައިވެއެވެ.

ބޭސް ލިބެމުންދާ ކަމަށް ވިދާޅުވީމާ ފުރަތަމަވެސް ޝައްކެއް އުފެދުނެވެ. ސަބަބަކީ ސޯޝަލްމީޑިއާ އެކި ޕްލެޓްފޯމްތަކުގައި ބޭސްނުލިބޭ ޝަކުވާ ގިނަ ބަޔަކު ކޮށްފައި ހުންނަތަން ފެންނާތީއެވެ. ނަމަވެސް އަމިއްލައަށް ބަލާލުމަކީ މޮޅު ގޮތް ކަމަށް ދެކިގެން އާއިލީ ތިމާގެ މީހުންނާއި ރައްޓެހިންގެ އިތުރުން ދެކެފަރިތަ މީހުނަށް ގުޅައިގެން ބޭސް ނުނަގާ އޮތް ބޭސް ސިޓީއެއް ހޯދައިފީމެވެ. އަދި ރޭގެ 9:00 އިން ފެށިގެން މިއަދުގެ މެންދުރުފަހު 2:30 އާއި ހަމައަށް މި ބޭސް ސިޓީ ހިފައިގެން މާލޭގެ 17 ބޭސް ފިހާރައަކަށް ދެވިއްޖެއެވެ. 4 ގުޅަ ބޭހާއި 1 ދިޔާ ބޭސް ލިޔެފައި އޮތް މި ބޭސް ސިޓީގައި ހުރި ހުރިހާ ބޭހެއް އެއް ބޭސް ފިހާރައަކުން ލިބެން ނެތް އިރު އޭގެ ތެރެއިން ދެ ބޭހެއް އެއްވެސް ތަނެއްގައި ނެތެވެ. ބޭސް ސިޓީ ހިފައިގެން މުޅި މާލޭގައި ދުއްވައިގެންވެސް ބޭސް ނުލިބުމުން، ހޮސްޕިޓަލުގައި އޮންނަ ބަލިމީހަކަށް ބޭހެއް ގަންނަން މުޅި މާލޭގައި ދުއްވައިގެން ބޭސް ނުލިބުމުން ކުރެވޭނެ އިހުސާސުގެ ކުޑަ މިންވަރެއް އިހުސާސުކޮށްލެވުނެވެ.

މިހެން މިކަންކަން ހުރި އިރު ހަގީގަތް އޮޅޭ ގޮތަށް އެ މެންބަރު ވާހަކަފުޅުދެއްކެވީ ކީއްވެކަމެއް އެއްވެސް ގޮތަކަށް ނުވިސްނުނެވެ. ދޫފަރިތަކަމާއި ބަހުގެ ބަލާޣާތްތެރިކަން ލިބިފައިވާ މީހަކަށް ވުމަކީ ސިޔާސީ އެކި ހާޖަތުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހުގައި ހިތަށް އައިހާ ގޮތަކަށް ވާހަކަތައް ހަދަހަދައިގެން ދައްކަންޖެހޭ ކަމެއް ހެއްޔެވެ. ރައްޔިތުންގެ އަޑު އިއްވައިދޭންވާނީ ރައްޔިތުންގެ ގާތުން އަހައި އޮޅުންފިލުވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ އިއްޒަތާއި ކަރާމާތަށްޓަކައެވެ. މަޖިލީހުގެ ތަޅުމުގައި ދައްކާ ވާހަކައަށް ޒިންމާވާން ނުޖެހޭ ގޮތަށް އަމިއްލައަށް ހަދާފައިވާ ގަވާއިދަކުން ނިންމާފައި އޮތުމަކީ ރައްޔިތުންނަށް އޮޅުވާލައި ނިކަމެތީން ވާވައްދަން ހަދަހަދައިގެން ދައްކަންޖެހޭ ސަބަބެއްވެސް ނޫނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0