ޑިމޮކްރަސީ ރާއްޖެއަށް ގެނައުމަށް މުއިއްޒުގެ ގައިން އޮހޮރުނު ދަލެއް ނުހުންނާނެ: ޝިއްޕެ
މި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށާއި، މިހާރު މިއޮތް ޤާނޫނުއަސާސީ ހޯދުމަށް ކުރި މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ ގައިން އޮހޮރުނު ދަލެއް އަދި ވީ އެއްވެސް ގުރުބާނީއެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެއެވެ.
ޝިފާޒް މިހެން ވިދާޅުވީ އިދިކޮޅު އެމްޑީޕީން ރޭ އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝިފާޒް ވިދާޅުވީ މިހާރު މިއޮތް ނިޒާމާއި ހައްގުތައް ހޯދުމަށް ރާއްޖޭގެ ރައްޔިތުން އުފުލި ތަހައްމަލާއި، ލިބުނު އަނިޔާގެ ޒައްރެއްގެ މިންވަރުވެސް ރައީސް މުއިއްޒަށް އިޙްސާސް ނުކުރެއްވޭނެ ކަމަށެވެ.
"އެންމެ ރުލެއް އޭރުގައި ގަމީހަކަށް ނާރާ، އެންމެ ދާފޮދެއްވެސް ނުއޮހޮރޭ. ރައްޔިތުންގެ މަޖިލީހެއްގައިވެސް ނޫން، ސިޔާސީ އެއްވެސް ކަމެއްގައި އުޅުއްވި ބޭފުޅެއް ނޫން ޙަޤީޤަތުގައި،" ޝިފާޒް ވިދާޅުވިއެވެ.
ރާއްޖޭގެ މިހާރުގެ ސިޔާސީ ހާލަތަށް އަލިއަޅުއްވާލައްވަމުން ޝިފާޒް ވިދާޅުވީ، އިހްލާސްތެރި ވެރިޔަކު ނެތް ނަމަ ޤާނޫނުއަސާސީން ކުރެވޭނެ ކަމެއް ނެތް ކަމަށެވެ. އަދި މިހާރު ދައުލަތުގެ ތިން ބާރު ވަކިވެފައި ނެތް ކަމަށާއި، ދައުލަތް ޖަވާބުދާރީ ނުކުރެވޭ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވިއެވެ. ވެރިކަން ކުރާ މީހާ އަމިއްލަ މުހުތާދަށް ކަންކަން ކުރާ ނަމަ ރައްޔިތުންގެ ހައްގުތަށް ހިމާޔަތް ނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝިފާޒް އިތުރަށް ވިދާޅުވީ ރައީސް މުއިއްޒުގެ ރިޔާސީ ދައުރު މިހާރު އޮތީ ގާތްގަނޑަކަށް ނިމިފައި ކަމަށާއި، ރައްޔިތުން ދެން އެމަނިކުފާނަށް ވޯޓު ނުދޭނެކަން ސަރުކާރުގެ ވަޒީފާތަކުގައި ތިއްބެވި ބޭފުޅުންވެސް ގަބޫލުކުރާ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު ވެއްޓެމުންދާ މި ދަނޑިވަޅުގައި، ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކޮށްގެން ނިޒާމު ތަރުތީބުކުރުމަށް އޭނާ ސަރުކާރަށް ގޮވާލެއްވިއެވެ.
ޖަލްސާ ނިންމަވާލައްވަމުން ޝިފާޒް ވިދާޅުވީ އެމްޑީޕީން މިހާރު މަސައްކަތް ކުރަމުންދަނީ ދައުލަތް ޖަވާބުދާރީ ކުރެވޭނެ އަދި ރައްޔިތުންގެ ބާރުވެރިކަން އޮންނާނެ ބޮޑު ބަދަލެއް ގެނައުމަށް ކަމަށެވެ. އަދި މި ބަދަލާއެކު ރާއްޖޭގެ އިގްތިސާދަށއ ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.






ރިއެކްޓް