ޚަބަރު

ކޭބަލްތަކެއް ބުރިކޮށް ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

16 ޖުލައި 2026 - 14:29
ކޭބަލްތަކެއް ބުރިކޮށް ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރު 13 ކައިރީގައި އޮންނަ ހުސްބިމެއްގެ ކޮށިތެރެއިން ފޯނު ކޭބަލްތަކެއް ބުރިކޮށް، ވައްކަން ކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ނަޑެއްލާ، ވެލަބުލިގެ، ޠާހިރު މުޙައްމަދު (50އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ހިނގާ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 12:32 ހާއިރު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

ފުލުހުން ބުނި ގޮތުގައި، އޭނާ ހައްޔަރުކުރި އިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ކޭބަލްތަކެއް އޭނާގެ އަތުން ފެނިފައިވެއެވެ. މީގެ އިތުރުން، ބުރިކޮށްފައިވާ ބައެއް ނަރުތައް ގޯންޏަކަށް އަޅާފައި ހުއްޓާ ފެނިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ޠާހިރު މުޙައްމަދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ވަނީ ޖަހާފައެވެ. މި މުއްދަތުގައި އޭނާ ބަހައްޓާނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ކަނޑައަޅާ ތަނެއްގައެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، ފަހަކަށް އައިސް މާލެ ސަރަހައްދުގައި ކޭބަލްތައް ބުރިކޮށްގެން ވައްކަން ކުރާ މައްސަލަތައް ވަނީ އިތުރުވެފައެވެ

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0