އަލަށް ކައިވެނިކުރާ މީހުންގެ ކައިވެނި ޕާޓީ ބާއްވާނެ ތަން ހިލޭ ހަމަޖައްސައިދެނީ
އަލަށް ކައިވެނިކުރާ މީހުންގެ ކައިވެނި ޕާޓީ ބާއްވާނެ ތަން ހިލޭ ހަމަޖައްސައިދިނުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.
މިގޮތަށް ފާސްކުރީ މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ރަސްމީ އާންމު ޖަލްސާގައެވެ.
މި ހުށަހެޅުން ކައުންސިލަށް ހުށަހަޅުއްވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މިއީ މި ދައުރުގެ އެމްޑީޕީ ކައުންސިލަރުންގެ ވަރަށް ބޮޑު ވައުދެއް ކަމަށެވެ. މިއަދުގެ ޖަލްސާގައި ކައުންސިލުން ނިންމާފައިވަނީ އެކަން ކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލުމަށްފަހު، ވީހާވެސް އަވަހަކަށް އެ ހިދުމަތް ފޯރުކޮށްދޭން ފެށުމަށެވެ.
ކައުންސިލުގެ މިއަދުގެ ނިންމުމާއެކު، މިކަމާ ގުޅޭ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް ކައުންސިލުން މިހާރު ވަނީ ކަމާގުޅޭ ކޮމިޓީތަކާ ހަވާލުކޮށްފައެވެ.
އެގޮތުން، ކައުންސިލުގެ ފައިނޭންސް އަދި ބަޖެޓު ކޮމިޓީގެ އިތުރުން ސޯޝަލް ޖެންޑާ އަދި އެފެއާޒް ކޮމިޓީއަށް ވަނީ މި އުސޫލު ހެދުމަށް ހަވާލުކޮށްފައެވެ. ކައުންސިލުން އަމާޒު ހިފާފައިވަނީ އެންމެ އަވަހަށް އޮންނަ ކައުންސިލް ބައްދަލުވުމުގެ ކުރިން އެ އުސޫލު ހަަދައި ނިންމުމަށެވެ.
މުޅި ކައުންސިލުގެ އަޣުލަބިއްޔަތުން މި ނިންމުން ނިންމާފައިވަނީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ އިޖުތިމާއީ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށް ކައުންސިލު ބައްދަލުވުމުގައި މެންބަރުން ފާހަނގަ ކުރެއްވިއެވެ.






ރިއެކްޓް