ޚަބަރު

އިނގިރޭސިވިލާތުން 16 އަހަރުން ދަށުގެ ކުދިންނަށް އެނާޖީ ޑްރިންކް މަނާކުރަނީ

17 ޖުލައި 2026 - 15:57
އިނގިރޭސިވިލާތުން 16 އަހަރުން ދަށުގެ ކުދިންނަށް އެނާޖީ ޑްރިންކް މަނާކުރަނީ
އަންނަ މަހުން ފެށިގެން އިންގްލޭންޑުގައި 16 އަހަރުން ދަށުގެ ކުދިންނަށް ކެފެއިން ގިނަ އެނާޖީ ޑްރިންކް ވިއްކުން މަނާވާނެ ކަމަށް އެގައުމުގެ ސަރުކާރުން އިއުލާނުކޮށްފިއެވެ. 

އިނގިރޭސި ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މި މަނާކުރުން ހިނގާނީ 150 މިލިގްރާމަށްވުރެ ގިނައިން ކެފެއިން އެކުލެވޭ ބުއިންތަކަށެވެ.

މި ގަވައިދަށް އަމަލުކުރަން ޖެހޭ ތަންތަނުގެ ތެރޭގައި ފިހާރަތަކާއި، ކެފޭ، ރެސްޓޯރެންޓް، ވެންޑިން މެޝިން އަދި އޮންލައިންކޮށް ތަކެތި ވިއްކާ ޕްލެޓްފޯމްތައް ހިމެނެއެވެ.

މި އުސޫލުގެ ދަށުން ރެޑްބުލް، މޮންސްޓާ، ރެލެންޓްލެސް އަދި ޕްރައިމް ފަދަ މަޝްހޫރު އެނާޖީ ޑްރިންކްތައް 16 އަހަރުން ދަށުގެ ކުދިންނަށް ވިއްކުން އެއްކޮށް މަނާވާނެއެވެ. ނަމަވެސް، ޑައިޓް ކޯކު ފަދަ ކެފެއިންގެ މިންވަރު ދަށް ބުއިންތަކަށް މި އުސޫލު ނުހިނގާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިންގްލޭންޑުގައި ދުވާލަކު ގާތްގަނޑަކަށް 100,000 ކުދިން ކެފެއިން ގިނަ އެނާޖީ ޑްރިންކްސް ބޭނުންކުރެއެވެ. މިފަދަ ބުއިންތަކުގެ ސަބަބުން ކުދިންގެ ނިދުމަށް ބުރޫއަރައި، ކަންކަމަށް ސަމާލުކަންދޭ މިންވަރު ދަށްވެ، ސްކޫލްގެ ނަތީޖާތަކަށް ނޭދެވޭ އަސަރު ކުރާކަން އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0