ސާހިލްގެ މައްޗަށް އިއްވި ތިން އަހަރުގެ ޖަލު ހުކުމް އިސްތިއުނާފްކޮށްފި
މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ސާހިލް އަލީގެ މައްޗަށް ދެ ދައުވާއެއް ސާބިތުވެ، ތިން އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްވި ހުކުމް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
މި މައްސަލައަކީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހު ފުވައްމުލަކަށް ނިސްބަތްވާ ޒުވާނެއް ކަމަށްވާ ޝިއާއު ސައީދު މަރާލުމަށްފަހު، އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިން ކަމަށް ބުނާ މައްސަލައެވެ.
ފ. ނިލަންދޫ، ފިނިފެންމާގޭ ސާހިލްގެ މައްޗަށް މި މައްސަލާގައި ޖުމްލަ ފަސް ދައުވާއެއް އުފުލާފައިވާއިރު، ކްރިމިނަލް ކޯޓުން ކުރިއަށްގެންދާ މި ޝަރީއަތްތަކަކީ ސިއްރުކޮށްގެން ކުރިއަށްގެންދާ އަޑުއެހުންތަކެކެވެ. އެހެންކަމުން ސާހިލްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ފަސް ދައުވާގެ ތަފްސީލުތައް ވެސް މިހާތަނަށް އޮތީ ސިއްރުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން ސާހިލްގެ މައްޗަށް އިއްވާފައިވަނީ ތިން އަހަރާއި އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. މި ހުކުމް އިސްތިއުނާފު ކުރަން މީގެ ކުރިން ވެސް ސާހިލްގެ ފަރާތުން ހުށަހެޅި ނަމަވެސް، ލިޔުންތަކުގައި ހުރި މައްސަލަތަކަކާ ގުޅިގެން އޭރު ކޯޓުން އެ މައްސަލަ ބަލައިގެންފައެއް ނުވެއެވެ.
ސާހިލްގެ މައްޗަށް އުފުލާފައިވާ ބާކީ ހުރި ދައުވާތަކުގެ ޝަރީއަތްތައް މިހާރު ވަނީ ނިމުމަކާ ގާތްވެފަ އެވެ. އެ ދައުވާތަކުގެ ޝަރީއަތް ނިމިފައިވާއިރު ދެން އޮތީ ހުލާސާ ބަޔާން އިއްވުމެވެ. ނަމަވެސް، މިދިޔަ ހަފުތާގައި ބޭއްވުމަށް ތާވަލުކުރި އަޑުއެހުން ޓެކްނިކަލް މައްސަލައެއް ދިމާވެގެން ވަނީ ކެންސަލްކޮށްފަ އެވެ.
މި މައްސަލާގައި ސާހިލަށް ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖައްސައިދިން ނަމަވެސް، ވަކީލުންނަށް އޭނާ އެއްބާރުލުން ނުދޭތީ އޭނާއަށް އިތުރަށް ދައުލަތުގެ ހަރަދުގައި ވަކީލުން ހަމަޖައްސައި ނުދޭން އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ ކަމަށް ކޯޓުން މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ.






ރިއެކްޓް