ޚަބަރު , ސިޔާސީ

ޓެކުސް ކޮމިޝަނަރުގެ މަގާމަށް އަމީޒާ އައްޔަނުކޮށްފި

19 ޖުލައި 2026 - 13:38
ޓެކުސް ކޮމިޝަނަރުގެ މަގާމަށް އަމީޒާ އައްޔަނުކޮށްފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް، ފާޠިމަތު އަމީޒާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އައްޔަންކުރައްވައިފިއެވެ.

މި މަޤާމަށް އަމީޒާ އައްޔަންކުރައްވާފައިވަނީ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މިއީ މީރާގެ އެންމެ އިސް މަގާމަށް އަންހެން ބޭފުޅަކު އައްޔަން ކުރެވުނު ފުރަތަމަ ފަހަރެވެ. ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އައްޔަންކުރެއްވި ފާޠިމަތު އަމީޒާއަކީ މީރާގައި 16 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. މީގެ ކުރިން އެ އޮތޯރިޓީގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަޤާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.

އަމީޒާއަކީ ޓެކްސްގެ ސިޔާސަތުތައް އިޞްލާޙުކުރުމާއި، މުއައްސަސާ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ރޮނގުން ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ވަކިން ޚާއްޞަކޮށް، މީރާގެ އެންފޯސްމަންޓް ޑިވިޜަންގެ އިސްވެރިއެއްގެ ހައިސިއްޔަތުން، ޑޭޓާ އެނަލިޓިކްސް ބޭނުންކުރައްވައިގެން ދައުލަތަށް ނުލިބި ހުރި ޓެކްސް އާމްދަނީ ހޯދުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ.

ތަޢުލީމީ ގޮތުން ބަލާއިރު، ފާޠިމަތު އަމީޒާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް ސައިންސް އިން އެކައުންޓިންގ ހާސިލުކުރައްވާފައެވެ. އަދި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީން ބެޗެލަރސް ޑިގްރީ އިން އެޕްލައިޑް އެކައުންޓިންގ ހާސިލުކުރައްވާފައިވެއެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި، ހަސަން ޒަރީރު އެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު، ފިނޭންސް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމުންނެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0