ޕީއެންސީ މާރާމާރި: ސްކޫލަށް ލިބުނު ގެއްލުމުގެ ޒިންމާ ޕީއެންސީ އިން ނަގައިފި
ވެރިކަން ކުރާ ޕީއެންސީން އެންމެ ފަހުން ބޭއްވި އެތެރޭގެ އިންތިހާބުގެ ތެރެއިން ހުޅުމާލެ ފޭސް 2 ގައި ހުންނަ ކާމިލްދީދީ ސްކޫލުގައި ހިނގި ހަމަނުޖެހުމުގައި އެ ސްކޫލަށް ލިބުނު ގެއްލުންތަކުގެ ޒިންމާ އެ ޕާޓީން ނަގައިފިއެވެ.
މި މަހުގެ 11 ވަނަ ދުވަހު ބޭއްވި މި އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ހިނގި މި ހަމަނުޖެހުމުގައި ބައެއް މީހުންނަށް އަނިޔާވެ، ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބަޔަކު ސްކޫލް ތެރެއަށް ވަދެގަނެ އެތަނުގައި ތިބި މީހުންނަށް ހަމަލާދީ، ސްކޫލުގެ ގޮނޑި ފަދަ ތަކެތި އުކާފައިވެއެވެ. މި ހަމަނުޖެހުމުގެ ސަބަބުން ސްކޫލުގެ މުދަލަށް ގެއްލުންތަކެއް ލިބިފައިވާކަން އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، މި ހަމަނުޖެހުމުގައި ސްކޫލުގެ ދޮރުފަތެއްގެ ބިއްލޫރިގަނޑެއް ތަޅައިގެން ގޮސްފައިވާއިރު، ސްކޫލުގެ ސައުންޑް ސިސްޓަމްގެ ދެ ގޮބަކަށް ވެސް ވަނީ ގެއްލުން ލިބިފައެވެ. މި ގެއްލުންތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ ޕީއެންސީން އެކަމުގެ ޒިންމާ ނަގާފައިވާ ކަމަށެވެ.
"އެކަމުގެ ޒިންމާ ޕީއެންސީން ނަގާ. އަދި ބަދަލު ދޭނެ ކަމަށް ވެސް އަންގާފައިވަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި ބާއްވާ އެކި އިންތިހާބުތަކުގެ ވޯޓު ފޮށިތައް އާންމުކޮށް ބަހައްޓަނީ ސްކޫލުތަކުގައެވެ. ނަމަވެސް، މިފަދަ ހަމަނުޖެހުންތަކުގެ ސަބަބުން ސްކޫލުތަކަށް ގެއްލުންވެ، ކިޔަވައިދޭ މާހައުލަށް އަސަރުކުރާތީ ބެލެނިވެރިން މީގެ ކުރިން ވެސް ތަފާތު އެކި ފަހަރުމަތިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.






ރިއެކްޓް