ނަތަންޔާހޫ ނިއު ޔޯކަށް އައިސްފިނަމަ ހައްޔަރުކުރުމަށް މަޝްވަރާ އެބަ ކުރަން: މަމްދާނީ
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ނިއު ޔޯކް ސިޓީއަށް އަތުވެއްޖެ ނަމަ، އޭނާ ހައްޔަރުކުރުމުގެ ފުރުސަތު އޮތްތޯ ބެލުމަށް މަޝްވަރާތައް ކުރަމުންދާ ކަމަށް އެ ސިޓީގެ މޭޔަރު ޒަހްރާން މަމްދާނީ ވިދާޅުވެއްޖެއެވެ.
ނިއު ޔޯކް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި މަމްދާނީ ވިދާޅުވީ، ފަލަސްތީނުގެ ޣައްޒާގައި ހިންގާފައިވާ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކާ ގުޅިގެން ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައިވާ ނަތަންޔާހޫ އިންސާފުގެ ކުރިމައްޗަށް ގެންދަން ޖެހޭނެ ކަމަށެވެ. މަމްދާނީ އިތުރަށް ވިދާޅުވީ ނަތަންޔާހޫ ހައްޔަރުކުރުމުގެ ބާރު ނިއު ޔޯކް ސިޓީއަށް ލިބިގެންވޭތޯ ބެލުމަށް ސިޓީގެ ލޯ ޑިޕާޓްމަންޓާ އެކު މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަމްދާނީ ވިދާޅުވީ، "ނިއު ޔޯކް ސިޓީގައި ގާނޫނު ތަންދޭ އެންމެ ފުޅާ ދާއިރާއެއްގައި އަޅުގަނޑުމެން އަމަލުކުރާނަން. ނަމަވެސް އެކަމަށްޓަކައި އަޅުގަނޑުމެން އަމިއްލައަށް ގާނޫނެއް ނުހަދާނަން،" ކަމަށެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލަނބައި، އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރުމުގެ ގޮތުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މި ވާހަކަތަކަށް ރައްދު ދެމުން ނަތަންޔާހޫ ބުނެފައިވަނީ މަމްދާނީ ސިއްރިއްޔާތުގައި "އެމެރިކާ ދެކެ ރުޅިއަންނަ" ކަމަށް ގަބޫލުކުރާ ކަމަށެވެ. މީގެ އިތުރުން، އދ. ގައި ހުންނަ އިޒްރޭލުގެ ސަފީރު ޑެނީ ޑެނަން ވިދާޅުވީ، ހައްޔަރުކުރާނެ ކަމުގެ އިންޒާރުތައް ދިން ނަމަވެސް، އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް ނަތަންޔާހޫ ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށެވެ.






ރިއެކްޓް