ޚަބަރު , ސިޔާސީ

ޑޮލަރުގެ އަގު ތިރި ވަންދެން އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލަން ޖެހޭ: ރައީސް ނަޝީދު

18 ޖުލައި 2026 - 21:17
ޑޮލަރުގެ އަގު ތިރި ވަންދެން އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލަން ޖެހޭ: ރައީސް ނަޝީދު

ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު ތިރިވަންދެން، ސަރުކާރުން ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ޑޮލަރުގެ އަގު ތިރިނުވަނީސް ސަރުކާރުން އަސާސީ ހިދުމަތްތަކަށް ކުރާ ހަރަދު ފިޔަވައި އެހެން އެއްވެސް ހަރަދެއް ކުރުން މިވަގުތު ރަނގަޅު ނޫން ކަމަށެވެ. އަދި މި ހާލަތުގައި އުމްރާނީ ހުރިހާ މަސައްކަތްތަކެއް ހުއްޓާލަން ޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަށްރަށުގައި މިހާރު ފަށާފައިވާ ނުނިމި ހުރި މަޝްރޫއުތަކާ ގުޅޭގޮތުން ރައީސް ނަޝީދު ލަފާދެއްވީ، އެ މަސައްކަތްތައް ރަށު ކައުންސިލްތަކާ ހަވާލުކުރުމަށެވެ. "ރަށްރަށުގައި ނުނިމި ހުރި ޕްރޮޖެކްޓްތައް ރަށު ކައުންސިލާ ހަވާލުކުރުން ރަނގަޅުވާނެ. ކައުންސިލުން ކްރޮސް ސަބްސިޑީގެ އުސޫލުން އަގު ދައްކާ އެ މަސައްކަތް ނިންމިދާނެ،" ނަޝީދު ވިދާޅުވިއެވެ.

މި ހުށަހެޅުމަކީ ރާއްޖޭގެ އިގްތިސާދީ ހާލަތަށާއި ޑޮލަރުގެ ތާށިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ބާރުއެޅުމުގެ ގޮތުން އެމަނިކުފާނު ކުރެއްވި އިލްތިމާސެކެވެ. މިކަމާ ގުޅޭގޮތުން ސަރުކާރުގެ ރަސްމީ އިދާރާއަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 2
ލޯބި ލޯބި 0
މަޖާ މަޖާ 0