ސިޔާސީ , ޚަބަރު

ޕީއެންސީ އިންތިހާބުގެ ވޯޓު ގުނަނިކޮށް މާރާމާރީ ހިންގި މައްސަލަ ބަލަނީ

12 ޖުލައި 2026 - 08:33
ޕީއެންސީ އިންތިހާބުގެ ވޯޓު ގުނަނިކޮށް މާރާމާރީ ހިންގި މައްސަލަ ބަލަނީ
ހަމަނުޖެހުން ހިންގި ސަރަހައްދުގައި ޕީއެންސީ އެމްޕީ ހުސައިން ޝަރީފުގެ ދަރިކަލުން، ފޮޓޯ: ސޯޝަލް މީޑިއާ

ވެރިކަން ކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓު ގުނުން ކުރިއަށް ދަނިކޮށް، ގްރޫޕަކުން ވަދެ ސްކޫލުގެ މުދަލަށާއި ޕީއެންސީގެ މުދަލަށް ގެއްލުންދީ މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. 

މި ހަމަނުޖެހުން ހިނގާފައިވަނީ ރޭ ޕީއެންސީގެ ހުޅުމާލެ އުތުރު ދާއިރާގެ ވޯޓު ފޮށި ގުނަމުން ދަނިކޮށް ހުޅުމާލެ ފޭސް 2 ގައި ހުންނަ ކާމިލް ދީދީ ޕްރީ ސްކޫލްގައެވެ.

"ވިރާސީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަނުޖެހުން ހިންގުމާއި ހަމަނުޖެހުން ހިންގި ގުރޫޕުގައި އިސްކޮށް ހުރީ ޕީއެންސީ މަޖިލިސް މެންބަރު ހުސައިން ޝަރީފުގެ ދަރިކަލުންނެވެ.

ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެއްވި ގޮތުގައި، މި ހަމަނުޖެހުން ހިނގާފައިވަނީ ރޭގަނޑު 9:15 ހާއިރުއެވެ. ސިޔާސީ ޕާޓީއެއްގެ އިންތިހާބުގެ ވޯޓު ގުނުން ކުރިއަށް ދަނިކޮށް ބަޔަކު އެ ތަނަށް ވަދެ ސްކޫލަށާއި ސްކޫލްގެ މުދަލަށް ގެއްލުންދީ، އެ ތަނުގައި ތިބި މީހުންނާ މެދު މާރާމާރީ ހިންގާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާ ހިނގި ވަގުތު އެ ތަނުގައި ތިބި މީހުންނާ ހަވާލާދީ މައުލޫމާތު ލިބިފައިވާ ގޮތުގައި، ގްރޫޕަކުން ސްކޫލަށް ވަދެ ވޯޓުލާ ސަރަހައްދުގައި ހުރި ގޮނޑި އާއި މޭޒު ފަދަ ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މީގެ އިތުރުން އެ ތަނުގައި ތިބި ޕީއެންސީގެ އޮފިޝަލުންނަށް ވެސް އެ ގްރޫޕުން ހަމަލާދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ސަރަހައްދުގައި ހިނގި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ އެ ސްކޫލަށް ވަޑައިގެން ހާލަތު ބައްލަވާލައްވާފައެވެ.

މި ހަމަނުޖެހުން ހިނގާފައިވަނީ ހުޅުމާލެ އުތުރު ދާއިރާގެ ވޯޓު ފޮށި ގުނަމުން ދަނިކޮށް ކަމަށްވީ ނަމަވެސް، އެ ދާއިރާގެ ވޯޓު ފޮށި ގުނައި ނިމި، ވަގުތީ ނަތީޖާ ވަނީ އިއުލާންކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 1