ސިޔާސީ , ޚަބަރު

ރިޔާސީ ޓިކެޓަށް އެމްޑީޕީގެ ޗެއާޕާސަން ވާދަކުރެއްވުން ރަނގަޅެއްނޫން: ރައީސް ނަޝީދު

5 ޖުލައި 2026 - 14:48
ރިޔާސީ ޓިކެޓަށް އެމްޑީޕީގެ ޗެއާޕާސަން ވާދަކުރެއްވުން ރަނގަޅެއްނޫން: ރައީސް ނަޝީދު

އެމްޑީޕީގެ ރިޔާސީ ޓިކެޓަށް އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުގައި ހުންނަވާ ބޭފުޅަކު ވާދަކުރެއްވުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކާއި ޕާޓީގެ ހިންގުމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިޚާބު ވެސް ކަނޑައެޅިފައިވާ ތާރީޚަށް ބާއްވާނެ ކަމަށާއި، އެކަމަށް އެއްވެސް ލަސްވުމެއް ނުވަތަ ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ޕާޓީގެ އިންތިޚާބުތައް ތަރުތީބުވެގެންދާނެ ގޮތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ކޮންގްރެސްއިން ގައުމީ މަޖިލިސް އެކުލެވިގެންވާ ގޮތަށް ބަދަލެއް ގެނެސްފި ނަމަ، އިންތިޚާބަށް އޭގެ އަސަރު ކޮށްފާނެ ކަމަށެވެ. "އަޅުގަނޑުގެ ހިތް ބުނަނީ، ކޮންގްރެސްގެ ފަހުންނޭ (ގައުމީ މަޖިލީހުގެ އިންތިޚާބު) އޮންނާނީ. އެކަމަކު އެއީކީ ގައުމީ މަޖިލީހުގެ އިންތިޚާބު ބާއްވަންޖެހޭ ތާރީޚަށްވުރެ ލަސްވެގެންދާނެ ތާރީޚެއް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ޕާޓީގެ ޗެއާޕާސަން ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމާ ގުޅޭގޮތުން ނަޝީދު ވިދާޅުވީ، ޗެއާޕާސަންގެ މަގާމުގައި ހުރެ ރިޔާސީ ރޭހަށް ނުކުތުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. "އެމް.ޑީ.ޕީގެ ރިޔާސީ ޓިކެޓަށް ޗެއަރޕާސަނަށް ވާދަ ކުރެވޭނެތޯ ނުވަތަ ނޫންތޯ، އެ ވާދަ ކުރުން އެއީ ރަނގަޅު ކަމެއް ނޫން ޗެއަރޕާސަނަކަށް އިންނަ މީހަކު. އޭނަ އެ ޗެއަރޕާސަނުގައި އިނދެގެން ރިޔާސީ އިންތިޚާބަކަށް ރޭހަކަށް ނުކުތުމަކީ ރަނގަޅު ވާހަކައެއް، ރަނގަޅު ކަމެއްގެ ގޮތުގައި އަޅުގަނޑެއް ނުދެކެން،" އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްޑީޕީގެ މިހާރުގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާ އޮތް ގުޅުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ފައްޔާޒާ އޮތް ގުޅުން ވަރަށް ރަނގަޅު ކަމަށެވެ. އެމަނިކުފާނު ރަށުން ބޭރުގައި އުޅުއްވުމަށްފަހު އެނބުރި ވަޑައިގެން އިއްޔެ ފައްޔާޒާ ބައްދަލުވި ކަމަށާއި، ދެ ބޭފުޅުންގެ ދެމެދުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0