ޚަބަރު

ސިހުރު ހެދުމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހެއްގެ ބަންދަށް 15 ދުވަސް

18 ޖުލައި 2026 - 12:27
ސިހުރު ހެދުމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހެއްގެ ބަންދަށް 15 ދުވަސް

ސިހުރު ހެދުމުގެ ތުހުމަތުގައި ށ. ފޭދުއަށް ނިސްބަތްވާ 63 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން، އޭނާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ދީފިއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ނެރެފައިވާ ބަންދު އަމުރުގައިވާ ގޮތުން، އެ މީހާ ކުށް ކުރި ކަމަށް ކޮންމެވެސް މިންވަރަކަށް ތުހުމަތުކުރެވޭ ވަރަށް ހެކި ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި ހާދިސާ ރިޕޯޓުގެ އިތުރުން ފޮޓޯ ރިޕޯޓު ހިމެނޭ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ކޯޓުން އޭނާ 15 ދުވަހަށް ބަންދުކުރަން އަމުރުކުރީ، އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައިގެންނެވެ.

ސިހުރުގެ މައްސަލައަކީ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާ، ޒަމާންވީ މައްސަލައެކެވެ. އިއްޔެގެ ހުކުރު ޚުތުބާ ވެސް ޚާއްސަކޮށްފައިވަނީ ސިހުރުގެ ނުބައިކަމުގެ މައްޗަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި "ސިހުރު ހެދުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެއް" ކަމަށާއި އެއީ ޝިރުކުގެ ޢަމަލެއްކަން ހަނދާންކޮށްދީފައިވެއެވެ.

މީގެ ކުރިން ވެސް ސިހުރުގެ މައްސަލަތައް ތަހުގީގު ކުރުމަށް ބައެއް މީހުން ހައްޔަރުކޮށްފައިވެއެވެ. ނަމަވެސް މިފަދަ މައްސަލަތައް ބެލުމަށް ބޭނުންވާ ގާނޫނުތަކާއި ވަސީލަތްތައް ނެތުމުގެ ދަތިކަން ހުރިކަމަށް ތަހުގީގީ އިދާރާތަކުން މީގެ ކުރިން ވަނީ ބުނެފައެވެ..

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0