ޚަބަރު , ވިޔަފާރި

މިއަހަރު ފަތުރުވެރިން އައި މިންވަރު %4.8 ދަށަށް

18 ޖުލައި 2026 - 11:16
މިއަހަރު ފަތުރުވެރިން އައި މިންވަރު %4.8 ދަށަށް

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 4.8 އިންސައްތަ ދަށްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ އަޕްޑޭޓްގައިވާ ގޮތުން، މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައިސްފައިވަނީ 1.16 މިލިއަން ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 1.21 މިލިއަން ފަތުރުވެރިންނާ އަޅައިބަލާއިރު މަދު އަދަދެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރޭގައި ކުރޫޒް ލައިނާ ތަކުން އައި 15,577 ފަތުރުވެރިން ހިމެނެއެވެ. މީގެ އިތުރުން، ރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އެވްރެޖް އަދަދު ވެސް ވަނީ މިދިޔަ އަހަރަށްވުރެ ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރު ދުވާލެއްގެ މައްޗަށް 6,192 ފަތުރުވެރިން އައި ނަމަވެސް، މިހާރު އެ އަދަދު ހުރީ 5,893 ގައެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓްތަކަށް ބަލާއިރު، ލިސްޓުގެ ކުރީގައި އުޅެނީ ޗައިނާއެވެ. އެ ގައުމުން 190,016 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނައިގައި އޮތް ރަޝިއާ އިން 164,067 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން އައީ އިނގިރޭސިވިލާތް، އިޓަލީ، ޖަރުމަނު އަދި އިންޑިއާއިންނެވެ. މީގެ ތެރެއިން 72.6 އިންސައްތަ ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރިއިރު، 22.9 އިންސައްތަ ފަތުރުވެރިން ތިބީ ގެސްޓްހައުސްތަކުގައެވެ.

ފަތުރުވެރިން ރާއްޖެއަށް އެތެރެވި އެއާޕޯޓްތަކަށް ބަލާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 1.13 މިލިއަން ފަތުރުވެރިން އެތެރެވިއިރު، އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޒިޔާރަތްކުރީ 4,304 ފަތުރުވެރިންނެވެ.

މި އަހަރުގެ ތެރޭގައި ފަތުރުވެރިން އައި އަދަދު ދަށްވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައެވެ. މި ހަނގުރާމައިގެ ސަބަބުން މިދިޔަ މާރިޗު މަހު 20.7 އިންސައްތަ އަދި އޭޕްރިލް މަހު 24.4 އިންސައްތަ ފަތުރުވެރިން އައި އަދަދު ދަށްވިއެވެ.

މެއި މަހު ކުޑަ ކުރިއެރުމެއް ފެނުނު ނަމަވެސް، ޖޫން މަހު އަނެއްކާވެސް ވަނީ 12 އިންސައްތަ ދަށްވެފައެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޭރު ފައިސާ ވަންނަ މިންވަރު މަދުވެ، ސިނާއަތަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0