ޚަބަރު

ރާއްޖޭގައި ބާނާ މަހުގައި ދިރޭރަހަ ހުރި މިންވަރު ހާމަކުރަން އެންގުމުން މިނިސްޓްރީއިން ކޯޓަށް

20 ޖުލައި 2026 - 15:48
ރާއްޖޭގައި ބާނާ މަހުގައި ދިރޭރަހަ ހުރި މިންވަރު ހާމަކުރަން އެންގުމުން މިނިސްޓްރީއިން ކޯޓަށް
ރާއްޖޭގައި ބާނާ މަހާއި މީހުންގެ ހަށިގަނޑުގައި ދިރޭރަހަ (މާކަރީ) ހުރި މިންވަރު ބެލުމަށް އެންވަޔަރުމެންޓް މިނިސްޓްރީން ހެދި ދިރާސާއެއްގެ މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގެވި ނިންމެވުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
މި މައްސަލައަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އާންމު ފަރާތަކުން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން ފެންމަތިވި މައްސަލައެކެވެ.

މައުލޫމާތު ހޯދަން އެދުނު ފަރާތުން ބޭނުންވެފައިވަނީ ރާއްޖޭގައި ބާނާ މަހުން ދިރޭރަހަ ފެނިފައިވާ ނަމަ އޭގެ މިންވަރާއި، މަހުގެ ބާވަތާއި، މަސް ބޭނި ސަރަހައްދުގެ އިތުރުން، ދިވެހިންގެ މެދުގައި ކުރި ސާވޭގައި ބައިވެރިވި މީހުންގެ ހަށިގަނޑުން ދިރޭރަހަ ފެނިފައިވާ މިންވަރުގެ ތަފްސީލެވެ. ދިރޭރަހައަކީ މަހުގެ ބާވަތްތަކުން ފެންނަ، ކެންސަރަށް މަގުފަހިކުރުވާ ނުރައްކާތެރި މާއްދާއެކެވެ.

މި މައްސަލައިގައި މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ފުރަތަމަ ވިދާޅުވެފައިވަނީ އެފަދަ މައުލޫމާތެއް މިނިސްޓްރީގައި ނެތް ކަމަށެވެ. ނަމަވެސް، މައްސަލަ ރިވިއު ކޮމިޓީއަށް ހުށަހެޅުމުން، ތިލަފުށި ކައިރިން ބޭނި މަހުގައި ދިރޭރަހަ ހުރި މިންވަރު ބަލަން ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަން ހާމަވިއެވެ. މިނިސްޓްރީން އޭރު ނިންމީ ޓެކްނިކަލް މަސައްކަތްތަކެއް ކުރިއަށްދާތީ މައުލޫމާތު ހާމަކުރުން ފަސްކުރުމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރު ކަނޑައަޅުއްވާފައިވަނީ މައުލޫމާތު ހާމަކުރުން ފަސްކުރަން މިނިސްޓްރީން ނިންމީ ގާނޫނީ ޝަރުތުތަކާ އެއްގޮތަށް ނޫން ކަމަށެވެ. އަދި އިންފޮމޭޝަން އޮފިސަރު ހަގީގަތާ ހިލާފު މައުލޫމާތު ދީފައިވާތީ ކޮމިޝަނަރު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ކޮމިޝަނަރު އެންގެވީ 10 ދުވަހުގެ ތެރޭގައި އެ މައުލޫމާތު ހިއްސާކުރުމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމެވުމަށް އަމަލުކުރުމުގެ ބަދަލުގައި، ދައުލަތުން މިހާރު ވަނީ އެ ނިންމެވުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

މި މައްސަލަ ހައި ކޯޓަށް ހުށަހެޅި ނަމަވެސް، އެ ކޯޓުން މައްސަލަ ބަލައިގަތުމާ މެދު އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0