ކުޅިވަރު

ފޭވްރައިޓް ފްރާންސް ބަލިކޮށް ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން ފައިނަލަށް

15 ޖުލައި 2026 - 03:08
ފޭވްރައިޓް ފްރާންސް ބަލިކޮށް ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން ފައިނަލަށް
ފެޑްރޯ ޕޯރޯ ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ. ފޮޓޯ: ބީއާރް

މިއަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފޭވްރައިޓުން ކަމަށް ގިނަ ބަޔަކު ދެކުނު ފްރާންސް ބަލިކޮށް، އެންމެ ފަހުގެ ޔޫރޯ ޗެމްޕިއަން ސްޕެއިން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

އެމެރިކާގެ ޓެކްސަސްގައި މިރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗު ސްޕެއިނުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުންވެސް ވަރުގަދަ ކުޅުމެއް ދެއްކި މި މެޗުގައި ސްޕެއިންގެ ޑިފެންޑަރުންގެ ފަރާތުން ފެނުނު ހުށިޔާރު ކުޅުން ފާހަގަކޮށްލެވެއެވެ.

މެޗުގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން ސްޕެއިނަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފޯވާޑް މިކޭލް އޮޔަޒަބާލް އެވެ. މި ލަނޑަށްފަހު ފްރާންސުން ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، މުޅި މެޗުގެ ކޮންޓްރޯލް އޮތީ ސްޕެއިން އަތުގައެވެ.

ސްޕެއިނުން މެޗުގެ ލީޑު ފުޅާކުރީ ޑެނީ އޮލްމޯ ތަނަވަސްކޮށްދިން ފުރުސަތަކުން ޕެޑްރޯ ޕޯރޯޖަހައިދިން ލަނޑުންނެވެ.

މި ނަތީޖާއާއެކު ސްޕެއިން ވަނީ ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގައި ވިދިވިދާގެން ތިންވަނަ ފަހަރަށް ފްރާންސް މުބާރާތުން ކަޓުވާލާފައެވެ. އެގޮތުން 2024 ވަނަ އަހަރުގެ ޔޫރޯ އާއި 2025 ވަނަ އަހަރުގެ ޔޫއޭފާ ނޭޝަންސް ލީގުގެ އިތުރުން މިރޭގެ ވޯލްޑް ކަޕްގައިވެސް ސްޕެއިނުން ވަނީ ފްރާންސްގެ މައްޗަށް ކުރިހޯދާފައެވެ.

ވޯލްޑް ކަޕްގެ ފައިނަލްގައި ސްޕެއިން ބައްދަލުކުރަންޖެހޭ ޓީމެއް ކަށަވަރުވާނީ މާދަމާ ރޭ ކުޅޭ ސެމީ ފައިނަލްގެ ދެވަނަ މެޗަށްފަހުއެވެ. އެ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ވޯލްޑް ކަޕް ޗެމްޕިއަން އާޖެންޓީނާ އާއި އިންގްލޭންޑެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 1
މަޖާ މަޖާ 0