ޓީސީ ބަލިކޮށް އެފްއޭ ކަޕްގެ ތަށި ނިއުރޭޑިއަންޓަށް
މި އަހަރުގެ އެފްއޭ ކަޕްގެ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބުގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކުރި ހޯދާ، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން 13 ވަނަ ފަހަރަށް އެފްއޭ ކަޕްގެ ތަށި އުފުލާލައިފި އެވެ.
މި ތައްޓަކީ އަލުން ފުރަތަމަ ޑިވިޝަނަށް އައިސް ނިއުއިން ހޯދި ފުރަތަމަ ތައްޓެވެ. އަދި ކްލަބުގެ ތާރީހުގައި ހޯދި 50 ވަނަ ތައްޓެވެ.
ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން ހަމަ ހަމަ ކުޅުމެއް ފެނުނެވެ. ނިއު އިން ލީޑު ނެގީ މެޗުގެ 21 ވަނަ މިނެޓުގައި ޓީސީގެ ކެޕްޓަން އީނާޒް ކުރި ފައުލަކުން ލިބުނު ޕެނެލްޓީއެއްގަ އެވެ. މި ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލީ އެފްއޭ ކަޕުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ އެ ޓީމުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އެވެ.
ނިއުގެ ދެވަނަ ލަނޑު މެޗުގެ 40 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނިއުގެ ނައިޖީރިއާ ފޯވާޑް އަލްހާޖީ ގެރޯ އެވެ. ގެރޯ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ޓީސީގެ ކީޕަރު އަތުގައި ޖެހިފައި ގޯލުގެ ތެރެއަށް ވަނެވެ.
ދެވަނަ ހާފުގައި ޓީސީން ލަނޑު ޖަހަން ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެ ގޮތުން އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޖީމޯ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. ނިއުގެ ތިންވަނަ ލަނޑު މެޗު ނިމެން 7 މިނެޓަށް ވެފައި އޮއްވާ ކާމިޔާބުކޮށްދިނީ ނަައިޖީރިއާ ފޯވަޑް ގެރޯ އެވެ. ގެރޯ މި ލަނޑު ކާމިޔާބުކުރީ އޭރިއާ ތެރެއަށް ނެގި ހުރަހެއް ބޮލުން ގޯލިގެ ތެރެއަށް ފޮނުވާލައިގެންނެވެ.
އެންމެ ފަހުން 2017 ވަނަ އަހަރު ކުޅުނު އެފްއޭ ކަޕްވެސް ކާމިޔާބުކުރީ ނިއު އިންނެވެ. އެ އަހަރުގެ ފައިނަލުގައިވެސް ނިއު އިން ތަށި ހޯދީ ޓީސީ ބަލިކޮށްފަ އެވެ.
އެފްއޭ ކަޕާއި އެކު މި އަހަރުގެ ސީޒަން މިހާރުވަނީ ނިމިފަ އެވެ. ދުވަސްތަކަކަށް ފަހު ކުޅުނު މި އަހަރުގެ ފުޓުބޯޅަ ސީޒަންގެ ތިން މުބާރާތް ކާމިޔާބުކުރީ ތިން ކްލަބެވެ. ދިވެހި ޕްރިމިއާ ލީގު މާޒިޔާއިން ކާމިޔާބުކުރި އިރު ޕްރެސިޑެންޓްސް ކަޕް ކާމިޔާބުކުރީ އޮޑި ސްޕޯޓްސް ކްލަބުންނެވެ. އަދި އެފްއޭ ކަޕް ކާމިޔާބުކުރީ ނިއު އެވެ.






ރިއެކްޓް