ކުޅިވަރު , ޚަބަރު

ދެކުނު ފުޓްބޯޅައިގެ ރަސްކަމުގެ ތާޖާއެކު ގައްދޫއިން ދިވެހި ޕްރިމިއަރލީގު ކޮލިފައިންއަށް

31 މޭ 2026 - 22:24
ދެކުނު ފުޓްބޯޅައިގެ ރަސްކަމުގެ ތާޖާއެކު ގައްދޫއިން ދިވެހި ޕްރިމިއަރލީގު ކޮލިފައިންއަށް
ފޮޓޯ: ގައްދޫ ރެކްރިއޭޝަން ކްލަބް/ ގައްދޫ ކައުންސިލް

އަންނަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ފަހު ހަތަރު ޖާގަ ކަނޑައެޅުމަށް ޖޫންމަހު މާލޭގައި ބާއްވާ ކޮލިފައިން ބުރުގެ ފަހު ޖާގަ، ސައުތު ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައި ގދ. ގައްދޫއިން މިއަދު ކަށަވަރުކޮށްފިއެވެ.

ގައްދޫއިން މި ކާމިޔާބީ ހޯދީ ސައުތު ރީޖަން ލީގުގައި މިއަދު ހަވީރު އަމިއްލަ ރަށުގައި އައްޑޫ ސިޓީގެ ފޭދޫއާ ވާދަކޮށް 4-0 އިން މޮޅުވެގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް، ފަހު ހާފުގައި ގައްދޫއިން ވަނީ ތަފާތު ދައްކައި ހަތަރު ލަނޑު ޖަހައިފައެވެ. ތަޖުރިބާކާރު ކޯޗު މުހައްމަދު ނަޒީހުގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ގައްދޫއިން ޗެމްޕިއަންކަން ކަށަވަރުކުރީ މުބާރާތުގައި ބާކީ އެއް މެޗު ނުކުޅެ އޮއްވައެވެ.

ހޯމް އެންޑް އަވޭ އުސޫލުން ކޮންމެ ޓީމަކުން ހަ މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވާ މި ލީގުގައި ގައްދޫއިން ވަނީ މިހާތަނަށް ކުޅުނު ފަސް މެޗުވެސް ކާމިޔާބުކޮށް، ސައްތައިން ސައްތަ ރެކޯޑެއް ހޯދައިފައެވެ. މުބާރާތުގައި ޖުމްލަ 15 ގޯލް ކާމިޔާބުކޮށް، ކޮޅަށް ވަދެފައިވަނީ އެންމެ ތިން ގޯލެވެ. ގައްދޫއާ އެންމެ ގާތުން ވާދަކޮށްފައިވަނީ 10 ޕޮއިންޓާއެކު ދެ ވަނައިގައި އޮތް ލ. ގަމެވެ.

ގައްދޫއިން ވަނީ ޕްރިމިއާ ލީގު ކޮލިފައިންއާ ހަމައަށް އައުމުގެ ކުރިން އަތޮޅު ޗެމްޕިއަންކަމާއި ސައުތު ރީޖަން ލީގު ކޮލިފައިން ބުރުގެ ޗެމްޕިއަންކަން ވެސް ހޯދައިފައެވެ. މި ތިން ތަށްޓާއެކު ދެކުނު ފުޓްބޯޅައިގެ ރަސްކަމުގެ ތާޖު އެޅި ގައްދޫއިން ދެން ކުރިމަތިލާނީ ޤައުމީ ފެންވަރުގެ ވާދައާއެވެ.

ޖޫން މަހުގެ ކުރީކޮޅު ފެށުމަށް ހަމަޖެހިފައިވާ ކޮލިފައިން ބުރުގައި ގައްދޫގެ އިތުރުން ވާދަކުރާނީ މިދިޔަ ސީޒަންގެ ޕްރިމިއާ ލީގުގެ ހަތް ވަނައަށް ދިޔަ ޓީސީ ސްޕޯޓްސް ކްލަބާއި އަށް ވަނައަށް ދިޔަ ކްލަބް ގްރީން ސްޓްރީޓްސްގެ އިތުރުން، މާލޭ ރީޖަންގެ ޗެމްޕިއަން ބިސްބުރު ސްޕޯޓްސް ކްލަބާއި، ނޯތު ރީޖަންގެ ޗެމްޕިއަން ހއ. ދިއްދޫ އާއި ސެންޓްރަލް ރީޖަންގެ ޗެމްޕިއަން ކ. ހުރާއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 2
މަޖާ މަޖާ 0